ads
ކުރިއަށް އޮތް އެއް މަސް ތެރޭ ހުރިހާ ކައުންސިލްތަކާ ބައްދަލު ކުރާނަން: ރައީސް
ކުރިއަށް އޮތް އެއް މަސް ދުވަސް ތެރޭގައި ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ކިނބިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ބޭނުންފުޅުވަނީ ރައްޔިތުންގެ ކައިރިއަށް ވަޑައިގެން ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އެގޮތުން ރައީސް އޮފީހަށް ކައުންސިލްތަށް ހާޒިރު ކުރުވައިގެން ބައްދަލު ކުރެއްވުމުގެ ބަދަލުގައި، ރަށް ރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ތ. އަތޮޅުގެ ކައުންސިލްތަކާ ބައްދަލުކުރެވުމަށް ފަހު، އަވަސް މުސްތަގުބަލެއްގައި ހުރިހާ ކައުންސިލަކާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ. އެގޮތުން އަންނަ ހަފްތާގައި ރާއްޖޭން ބޭރަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅަށް ފަހު، އެއް މަސް ދުވަސް ތެރޭގައި ހުރިހާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ގާތްގަނޑަކަށް އެއް މަސް ތެރޭގައި އަޅުގަނޑުމެން ހުރިހާ ކައުންސިލްތަކާ ބައްދަލުކުރަން ރަށްރަށަށް ދާނަން، ހުރިހާ ކައުންސިލްތަކާ ޑަބްލިއުޑީސީއާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ކުރަށްވާ ދަތުރުފުޅުތަކުގައި ހުރިހާ ރަށަކަށް ނުދެވުނު ނަމަވެސް، އަތޮޅުތަކުން ކަނޑައެޅޭ ރަށްރަށަށް ކައިރި ރަށްރަށުގެ ކައުންސިލްތައް ގެނެސްގެން ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އެ ބައްދަލުވުން ތަކުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން އަޑުއަހައި، އެކަންކަން ފަސޭހަ ވާ ގޮތަށް ކަންކަން ބައްޓަންކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ބަހުގެ އިތުބާރު ހިފަހައްޓަވައި، އިހްލާސްތެރިކަމައެކު ރައްޔިތުން އެދޭގޮތަށް ހުރިހާ ކަމެއް ވެސް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފަ އެވެ.

މި ސަރުކާރުގައި ކައުންސިލްތަކަށް ވަކި މުއައްސަސާއެއް އޮތްއިރު ކައުންސިލްތަކުގެ މަސައްކަތް ކައިރިން ބަލުމުންދާނެ ކަމަށާއި ސަރުކާރުން ކައުންސިލުންތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް