ads
ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެ ގޮތް ދަސްކޮށް ދެނީ
ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެ ގޮތާއި، އެކުއަކަލްޗާގެ ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓްގެ ފުރަތަމަ ތަމްރީން ޕްރޮގްރާމް" މިއަދު އިފްތިތާހް ކޮށްފި އެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްއިން ކ. މަނިޔަފުށީގައި މިއަދު އިފްތިތާހްކުރި މި ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު އަހްމަދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމްޒަތު ވިދާޅުވީ މިއީ ކަވި މަސައްކަތެއް ނަމަވެސް ކެތްތެރިކަމާއިއެކު ވިޔަފާރީގެ ޕްލޭނާއެކު ކުރިއަށް ގެންގޮސްފިނަމަ ވިޔަފާރި ކާމިޔާބުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެ މަސައްކަތައް ބޭނުންވާ ފައިސާ ލިބޭނެ ގޮތްތައް ވެސް ހަމަޖެހިފައިވާ ކަމަށާއި، ކުރިއަށް ދިއުމަށް ބޭނުންވަނީ ހިތްވަރު ކަމަށް އޭނާ ވިދާޅުވި އެވެ. 

މެރިކަލްޗާގެ ދާއިރާއިން ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމްގައި، އެކުއަކަލްޗާގެ ނިޒާމުތަކުގެ އިތުރުން ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުން ހިމެނެ އެވެ.

މަނިޔަފުށި ރިސާޗް އެންޑް ޓްރެއިނިންގް ފެސިލިޓީގައި 14 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނުގައި ރާއްޖޭގެ އެކި ހިސާބުތަކުން 15 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެ ގޮތާއި އެކުއަކަލްޗާގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގުމަކީ ރައީސް ޑރ. މުއިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް