ޏ. ފުވައްމުލަކު ކަރިއްޔާވިލާ އަމީންގެ މައްޗަށް ދައުލަތުން ދައުވާކުރީ އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން އުޅުމާއި ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިވެހިން ފޮނުވި ކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ. މި މައްސަލައިގައި އަމީން 27 އަހަރަށް ޖަލަށްލާން ހުކުމް ކުރީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. މި މައްސަލަ އަމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވީނަމަވެސް އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އަދި ގޮތެއް ނުނިންމައެވެ.
އަމީންގެ ޝަރީއަތް ހިންގީ އާންމުކޮށް ހުޅުވާނުލައެވެ. އެހެންކަމުން ޝަރީއަތް ސާފު ތަފްސީލެއް މީޑިއާއަކަށް ތިލައެއް ނުވެ އެވެ. އޭނާ 27 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.
އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގެ ބޮމުގެ މައްސަލާގައި ވެސް ތުހުމަތު ކުރެވުނު މީހެކެވެ. އެ މައްސަލާގައި ރާއްޖެއިން ބޭރުގައި އޭނާ ހުއްޓާ އިންޓަޕޯލް ރެޑް ނޯޓިސްއެއްގެ ދަށުން އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައި ނަމަވެސް 2012 ވަނަ އަހަރު ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
އަމީނަކީ އެމެރިކާއިން ނެރުނު ޓެރަރިސްޓުން ލިސްޓުގައި ހިމަނާފައިވާ މީހެކެވެ. އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.