ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިފަހުން ސީރިޔާއަށް ގޮސްފައިވާ އާއިލާގައި މާބަނޑު އަންހެނެއް ވެސް ހިމެނޭ ކަމަށެވެ. ސީރިއާ ފަދަ ހަނގުރާމަވެރި ތަނެއްގައި ތިބެން އުނދަގޫވުމުން އެ އާއިލާ ދިޔަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނބުރާ ރާއްޖެ އައުމަށް އެދެން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސީރިއާގައި މިވަގުތު ތިބި ދިވެހިންގެ އަދަދު ހާމަކުރަން ދަތި ކަމަށެވެ. އެހެންނަމަވެސް އެ ގައުމުގެ ދެ ކޭމްޕެއްގައި 100 އަށްވުރެ ގިނަ މީހުން ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ދިވެހި ރައްޔިތަކު އެއްވެސް ތަނެއްގައި ހާލުގައިޖެހިފައި ނުބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ފޮރިން މިނިސްޓްރީއާ ގުޅިގެން އެމީހުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ސީރިއާ ފަދަ ތަންތަނަކީ ހަނގަރުރާމަވެރި މާހައުލުތަކެއް ކަމަށާއި، އެފަދަ ތަންތަނަށް ދަތުރުކުރުމަށްފަހު ކޮންމެވެސް ބައެއްގެ އަތްދަށުވެ ދިވެހިން ހާލުގައި ޖެހެމުންދާ ކަމަށެވެ.
އެހެންކަމުން ސީރިއާ ފަދަ ހަނގުރާމަވެރި ގައުމުތަކަށް ނުދިއުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ސީރިއާގައި ހަނގުރާމައަށް ގޮސް ތިއްބާ ހާލުގައި ޖެހުނު 21 ދިވެއްސަކު މިދިޔަ މަހު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެއީ ހަ މީހަކާއި 15 ކުޑަ ކުއްޖެކެވެ. އަދި އެމީހުން ރިހެބިލިޓޭޓް ކުރެވޭނެކަމަށް މިނިސްޓަރު އޭރު ވިދާޅުވެފައިވެ އެވެ.