ads
ރާއްޖޭގެ ތަރައްގީއަށް ހުއްޓުމެއްނެތި އެހީދޭނެކަމަށް އަބޫ ދާބީ ފަންޑުން ބުނެފި
ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި ހުއްޓުމެއްނެތި އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު ޖެނެރަލް، މުހައްމަދު ސައިފް އަލް ސުވައިދީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދެއްވައިފި އެވެ.

މިހާރު ދުބާއީގައި ކުރިޔަށްދާ ވޯލްޑް ގަވަމަންޓްސް ސަމިޓް 2024ގައި ހަވާސާގައި ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި ޔޫއޭއީ އާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމުގެ މައްޗަށާއި އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓުން ރާއްޖޭގެ ތަރައްގީއަށް ދޭ އެހީތެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. 

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި އަބޫދާބީ ފަންޑުން ރާއްޖެއަށް ހުއްޓުމެއްނެތި ފޯރުކޮށްދެއްވަމުން ގެންދަވާ މާލީ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. 

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ސުވައިދީ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި ހުއްޓުމެއްނެތި އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައި، ރާއްޖެއާ ގުޅިގެން ކުރެވޭ މަސައްކަތްތަކާމެދު އުފާކުރައްވާކަމުގައި ވިދާޅުވިއެވެ.

ރައީސް އަދި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ވަނީ އެ ފަންޑުގެ އެއްބާރުލުމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ ތަރައްގީގެ މަސައްކަތްތައް ކުރިޔަށްދާގޮތާ ގުޅޭގޮތުންނާއި ދެފަރާތުން ގުޅިގެން އިތުރަށް މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. 

ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާ ގުޅޭގޮތުންނާއި ދަނޑުވެރިކަމުގެ ދާއިރާއާ ސިއްހީ ދާއިރާ އަދި އިގްތިސާދީ ތަރައްގީގެ ދާއިރާގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް