ads
މިހާރު ވިޔަފާރިއެއް ނުވޭ!
މާލޭގެ މަޖީދީ މަގުން އެއްކޮޅުން އަނެއް ކޮޅަށް ހިނގާލަމުން އެ މަގަގުގައި ހުރި ފިހާރަތަކަށް ވަދެ މިހާރު ވިޔަފާރި ކިހިނެއްތޯ އަހާލުމުން ހުރިހާ ފިހާރައަކުން ވެސް ދިނީ އެއް ޖަވާބެކެވެ. ސުވާލު ރަނގަޅަށް އަހާ ނުލެވެނީސް މިހާރު ވިޔަފާރިއެއް ނުވެއޭ ބުނެ ބޯ ހުރާލައެވެ.
Advertisement

ފާއިތުވި މަސް ނިމި މާޗް މަސް ފެށުނު އިރު ވިޔަފާރި ވަމުން ދިޔަކަމަށާއި އެހެން ނަމަވެސް ފުރަތަމަ 10 އެއް ނިމުނު އިރު ފިހާރައަށް ވަދެލާނެ މީހަކުވެސް ނުވާކަމަށް ފިހާރަތަކުން ބުނެއެވެ. ގިނަ ފިހާރަތަކަށް ފާއިތުވި ދެ ހަފްތާ ދެތިން މީހުންވެސް ނުވަންނަ ކަމަށް ފިހާރަތަކުން ވަނީ ފާހަގަކޮށްފައެވެ.

އާންމު ގޮތެއްގައި ދުވާލެއްގެ މައްޗަށް 20،000 ރުފިޔާ އާއި 40،000 ރުފިޔާ އާ ދެމެދުގެ އަދަދަކަށް ވިޔަފާރިވާ ފައިވާން އަދި ހެދުން ފަދަ ތަކެތި ވިއްކާ ފިހާރަތަކަށް މިހާރު ގިނަ ވެގެން ދުވާލެއްގެ މައްޗަށް ވަނީ 2،000 ރުފިޔާ އާއި 5،000 ރުފިޔާ އާ ދެމެދުގެ ކަމަށް ފިހާރަތަކުން ބުނެ އެވެ.

ކުޑަ ކުދިންގެ އެއްޗެހި ވިއްކާ ބައެއް ފިހާރަތަކުން ދުވާލަކު 300 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިނުވާ ފިހާރަތަށް ވެސް މިހާރު މާލޭގައި އެބަހުއްޓެވެ. މި ފިހާރަތަކުން ވަނީ ފެބްރުއަރީ މަސް ނިމި މާޗް މަހުގެ ކުރީ ކޮޅު ފިހާރައަށް އަންނަ މީހުންގެ އަދަދަށް މާބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށާއި ފަހު 15 އަށް އަޅާލުމާއެކު ފިހާރައަށް މީހުން ވަންނަ ދުވަސްތަކަށް ވުރެ ފިހާރައަށް މީހުން ނުވަންނަ ދުވަސްތައް ގިނަ ކަމަށް ބުނެފަ އެވެ.

ބައެއް ފިހާރަތަކުން ވަނީ މިހާރު ފިހާރަތަކަށް އެއްވެސް ވިޔަފާރިއެއް ނުވެ ފިހާރަ ބަންދުކުރަން ޖެހޭ ދުވަސްތައް ވެސް އަންނަކަމަށް ބުނެފައެވެ. އަދި ވިޔަފާރިތައް މިހާ ބޮޑަށް ދަށްވާން ފަށައިފައި ވުމުން ގިނަ ފިހާރަތަށް މިހާރު ހުންނަނީ ބަންދުކޮށްފައެވެ. އަދި ބައެއް ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ވަނީ ބަދަލު ގެނަސްފައެވެ.

ރީތިވާ ސާމާނަކީ ރާއްޖޭގައި އެންމެ ބޮޑަށް ވިޔަފާރިވާ އެއް ބާވަތެވެ. މިފަދަ ވިޔަފާރިތައް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ފިހާރަތަކުން ވަނީ މާޗް މަހުގެ މެދަށް އައި އިރު ފިހާރަތަކުގެ ވިޔަފާރި 80 އިންސައްތައް ދައްވާން ފަށާފަ ކަމަށް ބުނެފައެވެ. ދުވާލެއްގެ މައްޗަށް 40،000 ރުފިޔާއާއި 50،000 ރުފިޔާ ލިބޭ ފިހާރަތަކަށް މިހާރު 10،000 ރުފިޔާ ވެސް ގިނަ ދުވަސް ދުވަހު ނުލިބޭކަމަށް އެފިހާރަތަކުން ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް މިދުވަސްކޮޅު ސެނިޓައިޒާ ފަދަ ތަކެތީގެ ވިޔަފާރި ކުރާނަމަ އެ ތަކެތީގެ ވިޔަފާރި ރަނގަޅުކަމަށް ފިހާރަތަކުން ފާހަގަ ކުރެއެވެ.

މި މަހު ހޯލް ސޭލް ވިޔަފާރި ބޮޑު ތަނުން ދަށަށް ގޮސްފައިވާކަމަށް ވެސް ވިޔަފާރިތަކުން ފާހަގަކުރެއެވެ.

ގިނަ ފިހާރަތަކަކީ ބޮޑު ކުއްޔެއް ދައްކައިގެން ހިންގާ ވިޔަފާރި ތަކެވެ. ފިހާރަތަކަށް ލިބޭ އާމްދަނީގެ ތެރެއިން އެއްޗެއް ހަރަދު ކުރެވެން އޮންނަނީ، ތަނު ކުއްޔާ ކަރަންޓު ބިލް ދެއްކުމަށް ފަހު ބާކީވާ ފައިސާއިން ނެވެ. މުވައްޒަފުންގެ މުސާރަވެސް ފިހާރަތަކުން ހަމަޖައްސަނީ އެމަހަކު އެ ފިހާރައަށް ލިބޭ އާމްދަނީ އިންނެވެ.

ވިޔަފާރިވާ މިންވަރު މިހާ ބޮޑަށް ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި ހުރިހާ ހަރަދެއް ހަމަޖެއްސުމަށް ފަހު މުވައްޒަފުންނަށް މުސާރަ ނުދޭވެނެކަމަށް ގިނަ ފިހާރަތަކުން ވަނީ ފާހަގަކޮށްފައެވެ. މާޗް މަހު މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ އަމިއްލަ ޖީބުން ދިނުމަށް ގިނަ ފިހާރަތަކުގެ ވެރިން ތައްޔާރަށް ތިބި ނަމަވެސް ޖެހިގެން އަންނަ މަސްތަކުގައި އެގޮތަށް އަމަލުކުރުމުގެ ގާބިލްކަން ނެތް ކަމަށް ވެސް ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރުން ކުދި އަދި މެދެ ފަންތީގެ ވިޔަފާރިތަކަށް ދޭ އެހީއަށް އެދި މުވައްޒަފުންގެ މުސާރަ ދޭން ވިޔަފާރިވެރިން ތައްޔާރަށް ތިބި ނަމަވެސް، ފިހާރަތަކުން އެއްވެސް ވަރަކަށް ވިޔަފާރި ނުވާނަމަ ފިހާރަތަށް ހުޅުވާފައި ބެހެއްޓޭނެ ކަމުގެ އެއްވެސް އުންމީދެއް ވިޔަފާރިވެރިންގެ ނެތެވެ.

7%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
86%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް