ads
ކަރު ބުރިކޮށް ބޭރު މީހަކު މަރާލި މައްސަލަ ދައުލަތުން ދޫކޮށްލައިފި
ލ. ފޮނަދޫގައި 2017 ވަނަ އަހަރުގެ މާރިޗު މަހު، ކަރު ބުރިކޮށްލައިގެން މަރާލި ބަންގްލަދޭޝްގެ އަސަން އުއްލާ ނަމަކަށް ކިޔާ މީހާގެ މަރުގެ މައްސަލަ ދައުލަތުން ދޫކޮށްލައިފިއެވެ.

ލ. ފޮނަދޫގައި 2017 ވަނަ އަހަރުގެ މާރިޗު މަހު، ކަރު ބުރިކޮށްލައިގެން މަރާލި ބަންގްލަދޭޝްގެ އަސަން އުއްލާ ނަމަކަށް ކިޔާ މީހާގެ މަރުގެ މައްސަލައިގައި ދައުލަތުން އަށް މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އެ މައްސަލަތައް ދަށު ކޯޓުން ސާބިތު ނުވުމުން ދައުލަތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށް މި އެންމެން ފުރުންވެސް ކުރިން މަނާކުރިއެވެ. އެހެންނަމަވެސް، ދައުލަތުގެ ސްޓޭންޑް އެ މައްސަލައިގައި ބަދަލުކޮށް މި ހަފްތާގައި ދައުލަތުންވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ އަށް މީހުންނަކީ ބަސްގުލަދޭޝް ރައްޔިތުންނެވެ. މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޕަރުވެޒް، މުހައްމަދު ސޮމުން މިއާ، ރޮބެލް މިއާ، ސަމިމްގެ އިތުރުން އަލް އަމީން، މުހައްމަދު ރަސެލް، ދީން އިސްލާމް އަދި އަބޫ ކަލަމްގެ މައްޗަށެވެ. މި މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނާ ހަވާލާދީއެވެ. ދައުލަތުން އެ މައްސަލަ އަނބުރާ ގެންދިޔަކަން، އެކަމާ ގުޅިގެން ހައިކޯޓުން އާއްމު ކުރި މައްސަލަ ބާތިލު ކުރިކަމުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

މި މައްސަލަތަކުގެ ލިޔެކިޔުންތައް ޕްރޮސިކިއުޓަރ ޖެނެރެލްގެ އޮފީހުން މުރާޖައާކޮށް ބެލިއިރު، މިމައްސަލަތަކުގައި އިސްތިއުނާފު ރައްދުވަނީ ބިދޭސީންނަށްވެފައި، އެމީހުން ބަންދުގައި ތިބޭތާ ގިނަ ދުވަސްތަކެއްވެފައިވާތީ އާއި، މިމައްސަލަތަކުގައި ކޮށްފައިވާ ދައުވާއަށް ބަލާއިރު ލިބިފައިވާ ހެކި ގަރީނާއަށް ރިއާޔަތްކޮށް، ގަޒިއްޔާތައް ކުރިއަށް ގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނަކަމަށް ޕީޖީ އޮފީހުން އެންގި ކަމަށް ހައިކޯޓުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަރިޔާރެއް ބޭނުންކޮށްގެން ހައްގަކާ ނުލާ މީހަކު މަރައިފިނަމަ ގަސްދުގައި މީހަކު މެރުމުގެ ކުށުން އެމީހަކު ކުށްވެރިވާނެއެވެ.

(ށ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހައްގަކާ ނުލާ މީހަކު މަރާލުމުގައި އެކަކަށްވުރެ ގިނަ މީހުން އަމަލީގޮތުން ބައިވެރިވެއްޖެނަމަ އެ ހުރިހާ އެންމެން ހައްގަކާ ނުލައި ގަސްދުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވާނެއެވެ. (ނ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ މަރުގެ އަދަބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް