ކޮވިޑް19 ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައަށް ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، މިއީ ދިވެހިންގެ ލޭނާރަކީ މަސްވެރިކަންކަން ގަބޫލުކުރަންޖެހޭ ވަގުތު ކަމަށެވެ.
ސައުދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު ނިކަމެތި ކަމެއް އައިސްފައިވާކަމަށާއި، އަދި ދިވެހި އެތައް އާއިލާއަކަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުކޮށް އާއިލާތަކަށް ލިބެމުންދިޔަ އާމްދަނީތައް ދައްވާންފަށާފައިވާކަމަށް ވިދާޅުވި އެވެ.
ދިވެހި ލޭނާރަކީ މަސްވެރިކަންކަން ގަބޫލުކުރަން ޖެހޭކަމަށް ވިދާޅުވެ ސައުދު ވިދާޅުވީ، މިހާލަތުގައި ދިވެހި މުސްތަގުބަލް އަދި ރައްޔިތުން ސަލާމަތްކުރުމަށް އޮތް ހަމައެކަނި ދޮރަކީ މަސްވެރިކަމުގެ ސިނާއަތް އަލުން އަނބުރާ ދިވެހިންގެ ލޭނާރަށް ބަދަލުކުރުން ކަމަށް ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ މި ހާލަތު މިގޮތަށް ދެމިގެންދާނީ ކިހާދުވަހަކަށް ކަމެއް ނޭންގޭކަމަށާއި، އެހެން ކަމުން ލަސްނުކޮށް މަސްވެރިކަމުގެ ސިނާއަތް ވަރުގަދަކުރަން ޖެހޭކަމަށް ވިދާޅުވި އެވެ. އަދި މަސްވެރިކަމުން އާމްދަނީ ނެރެގެން ދުވަހުން ދުވަހަށް ގޭބިސީތަކަށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެހުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަށްނެރެ ހުރިހާ ރަށަކުން ދަނޑުވެރިކަމުން ނަފާނެރުމަށް މިއަދުންފެށިގެން މަސައްކަތް ފެށުމަށް ގޮވާލާކަމަށެވެ. އަދި ސަރުކާރުން ދަނޑިވެރިކަމަށް ބޭނުންވާނޭ ފައިސާ ދޫކުރުމަށްވެސް ސައުދުވަނީ އެދިވަޑައިގެންފައެވެ.
މަސްވެރިން ކިރާ މަހަށް ފައިސާ ނުލިބުމަކީ ވަރަށް ބޮޑަށް ދަތިވާ މައްސަލައެއްކަން ފާހަގަކޮށް ސައުދު ވިދާޅުވީ، ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސްވެރިން ބާނާ މަހަށް ދުވަހުން ދުވަހަށް ފައިސާ ދެވޭނެ ނިޒާމު ހަރުދަނާ ކޮށްދިނުމަކީ އެދޭކަމެއްކަމަށެވެ.
ރާއްޖޭގެ މަސްވެރިން މަހަށް ނުގޮސް ނުތިބެ މާކަނޑުގައި ފެތުރިގަންނަންވީ ވަގުތަކީ މިއީ ކަމަށް ސައުދު ވިދާޅުވި އެވެ. އަދި ވަޒީފާ ގެއްލޭ ޒުވާނުންވެސް ރަށުގައި ނުތިބެ މަސްވެރިކަމަށް ނިކުމެ ދުވަހުން ދުވަހަށް އާމްދަނީ ވެއްދުމަށް އަދި ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމަށް މަސައްކަތްކުރަންވީ ވަގުތަކީ މިއީ ކަމަށް ސައުދު ވިދާޅުވި އެވެ.