އަލަށް ޕޮލިސް ޕޯސްޓް ހުޅުވީ ހދ.ކުރިނބި އަދި ހއ.ފިއްލަދޫގައެވެ.
ހދ.ކުރިނބީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓް ހުޅުވާ ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާ ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ އަލީ ޝުޖާއު ވިދާޅުވީ ޕޮލިސް ޕޯސްޓް ވެގެންދާނީ ރަށުގައި ކުރާ ކުށްތަކުން ރައްޔިތުން ރައްކާތެރިވެ ހޭލުންތެރިކުރުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށްކަމަށެވެ.
ފިއްލަދޫ ޕޮލިސް ޕޯސްޓް ހުޅުވާ ދެއްވީ ސީޕީ އަލީ ޝުޖާއު އާ ފިއްލަދޫ ކައުންސިލް ރައީސް ފަތުހުﷲ ހަސަންއެވެ.
މި ރަސްމިއްޔާތު ވާހަކަ ދައްކަވަމުން ސީޕީ ސުޖާއު ވަނީ ފިއްލަދޫއަކީ އަހުވަންތަ، ކުށްމަދު، އަމާން ރަށެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ރަށުގައި ފުލުހުން ގާއިމުވެ ތިބޭ ހިނދު، މިރަށަކީ ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުށްމަދު އަމާން ވެއްޓެއް ގާއިމުވެފައިވާ ރަށެއްގެ ގޮތުގައި ބާއްވައިދިނުމަށް އެދިލެއްވިއެވެ.
ކޮމިޝަނަރ މި ދެ ޕޮލިސް ޕޯސްޓް ހުޅުވާދެއްވީ މިހާރު ހއ. އަތޮޅަށާއި ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުފުޅުގެ ތެރެއިިންނެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ފުލުހުންގެ އިދާރާތައް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.