އެ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކާއި ނުކޮށް ހިންގާ އޮންލައިންތައް މޮނިޓަރކޮށް ބެލެހެއްޓުމަކީ އެ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ.
އެމްއެމްސީން ބުނީ ދިޔަވަރު.ކޮމް، ކުރުސީ.ކޮމް އަދި ދޮންއަމާ.ކޮމް ވެބްސައިޓުން ދޮގު މައުލޫމާތު ފަތުރާކަމުގެ ޝަކުވާ އާންމުންގެ ފަރާތުން އެކައުންސިލަށް ލިބެމުން އަންނަކަމަށެވެ. އަދި މިޝަކުވާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ. ކަމުގެ ހަގީގަތް ނުބަލާ އަދި ކަމާއި ގުޅޭ ފަރާތްތަކުގެ ބަހެއް ނުހޯދާ ކަނޑައެޅިގެން ހަގީގާތާއި ހިލާފު ވާހަކަތައް ފެތުރުމަކީ ކައުންސިލުން ބަލައިގަންނަ ކަމެއް ނޫންކަމަށްވެސް އެމްއެމްސީގެ ނޫސްބަޔާނުގައި ވެއެވެ.
މީޑިއާ ކައުންސިލުން ބުނީ، ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުން އަންނައިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ އެ ކައުންސިލްގެ ގިނަ މެންބަރުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންވެ، ރަޖިސްޓްރީ ނުކުރާ މީޑިއާތަކުގެ މައްސަލަ ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ކަމާ ގުޅޭ އުސޫލެއް އެކުލަވައިލަން ނިންމާފައިވާކަމަށްވެސް އެމްއެމްސީން ބުނެއެވެ.
މީޑިއާ ކައުންސިލްގެ މި ދައުރުގެ ރައީސް އަކީ ދައުލަތުގެ މީޑިއާގެ ނިއުސްރޫމްގައި މަސައްކަތް ކުރާ އަހްމަދު މުސްތަފާއެވެ. ނައިބު ރައީސް އަކީ ވަގުތު އޮންލައިންގައި މަސައްކަތް ކުރާ ހުސެއިން ޝަރީފްއެވެ.
ދިޔަވަރު.ކޮމް އަދި ކުރުސީ.ކޮމް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މީޑިއާ ކައުންސިލުން މި ދިނީ ސަރުކާރަށް ފާޑިކިޔާތީ އެ ސައިޓް މީގެކުރިން ސަރުކާރުން ބްލޮކްކޮށްފައި ވަނިކޮށެވެ. ރައީސް އޮފީހުން އޭރު އެ ސައިޓްތައް ބްލޮކްކުރީ ރެޖިސްޓްރީ ނުކޮށް ހިންގާކަމަށް ބުނެއެވެ. އެހެންނަމަވެސް މީޑިއާ ކައުންސިލާ، ނޫސްވެރިންގެ އިތުރުން އާއްމުންގެ ފާޑުކިޔުންތައް ބޮޑުވުމުން އެންމެފަހުން ރައީސް އޮފީހުންވަނީ އެ ސައިޓްތައް އަން ބްލޮކްކޮށްފައެވެ.