ads
ޑެންގީ ޖެހޭ އަދަދު ދަށްވެ ބޭރަށް ހިންގުން ވީ އިތުރު
މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހުގައި ޑެންގީ ޖެހުނު އަދަދު މަދުވި ނަމަވެސް ބޭރަށް ހިންގުން ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު ބަޔާންކޮށް އެޗްޕީއޭއިން މިއަދު އާންމުކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ، މިދިޔަ ޑިސެމްބަރު މަހާ އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ޑިސެމްބަރުގައި 194 ކޭސް ރިޕޯޓު ކޮށްފައި ވާއިރު، ޖެނުއަރީގައި ރިޕޯޓް ކޮށްފައިވަނީ 144 ކޭސް އެވެ.

ޑެންގީގެ ކޭސްތައް މަދުވި ނަމަވެސް، މިދިޔަ ޑިސެމްބަރުމަހުގައި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދަށް ޖެނުއަރީގައި 1900 ކޭސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ މައުލޫމާތުތަކުން ދައްކަ އެވެ. އެހެންކަމުން އެފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމުގެ މުހިއްމުކަން އެ އިދާރާއިން ފާހަަގަ ކުރެ އެވެ.

އެޗްޕީއޭއިން އާންމުކުރި މައުލޫމާތަކުން ހާމަވާ ގޮތުގައި، މިދިޔަ ޑިސެމްބަރު މަހާ އަޅާ ބަލާއިރު ޖެނުއަރީ މަހުގައި އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނު 357 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލް ވަނީ ޕޮސިޓިވް ވެފަ އެވެ.

މީގެއިތުރުން މިދިޔަ ޑިސެމްބަރު މަހާ އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހުގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ދަށަށް ގޮސްފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ.

ގައިން ގަޔަށް އަރާ މިފަދަ ރޯގާ ތަކުން ރައްކާތެރިވުމަށްޓަކައި ސާފުތާހިރު ކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް