ވަންދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި، ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ އެންމެބޮޑު އެއްބޭނުމަކީ މަދުންނަމަވެސް އެރަށުގައި ހިނގާ ކުށްތަކާއި އަލަށް ތައާރަފުވުމަށް ފުރުސަތު އޮތް ކުށްތަކުން އެރަށުގެ މުޖުތަމައު ސަލާމަތްކޮށް ރައްކާތެރި އަމާން ވެއްޓެއް ގާއިމުކުރުންކަމަށެވެ.
މީގެ އިތުރުން ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފުލުހުން ގާއިމުވެތިބުން މުހިންމުވަނީ މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި ޖިނާއީ ކުށްކުރުން ހުއްޓުވައި ގާނޫނު ދެމެހެއްޓުން ކަމުގައެވެ.
ހުޅުދެލީ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ޝުޖާއު ވިދާޅުވީ ދިވެހިރާއްޖެއަކީ ތަންމިނަށް ހުޅުވިފައިވާ ގައުމަކަށްވެފައި ކުށް ދައުރުވުން އެހެން ގައުމުތަކާ އަޅައިބަލާއިރު ހަލުވި ގައުމަކަށްވީތީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ދިނުން މުހިންމު ކަމަށާއި ދާހިލީ ކަންކަމާއި ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް ގާނުނު ތަންފީޒްކުރުވައި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީބާރާއި އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދޭ މަރުކަޒެއް ހުޅުވައި ހިދުމަތް ދިނުމަށް ފުލުހުންގެ ގާނޫނު ލާޒިމުކުރާކަމަށެވެ.
މި ދެރަށުގެ ޕޮލިސްޕޯސްޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން އެ ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.