އެ މަގާމު ކުރިން ހުންނެވި، އިސްމާއިލް ވިޝާމް މިދިޔަ މަހު ކުއްލިއަކަށް އަވަހާރާވުމާ ގުޅިގެން އެ މަގާމު ވަނީ ހުސްވެފަ އެވެ.
ބާ ކައުންސިލުން މިރޭ ނެރުނު އިއުލާނެއްގައި ބުނީ، އެ މަގާމަށް މީހަކު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު އަންނަ މަހުގެ 17ގައި ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލާ މީހުންގެ ފޯމުތައް ބަލައިގަންނާނީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 15:00 އަށް ކަމަށް އިއުލާންގައި ވެެއެވެ.
ބާ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލެވޭނީ، ގާނޫނީ ދާއިރާގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ހުރި މީހަކަށެވެ.
މީގެ އިތުރުން އެ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީގައި ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލާން ވެސް މިއަދު ވަނީ ހުޅުވާލާފަ އެވެ. މި މަގާމަށް މީހަކު އިންތިހާބު ކުރުން ވެސް އޮންނާނީ އަންނަ މަހުގެ 17 ގައެވެ. މި މަގާމަށް ކުރިމަތިލެވޭނީ، ގާނޫނީ ދާއިރާގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުރި މީހަކަށެވެ.