އަލަށް އުފެއްދި ވެބްސައިޓްގައި ދިވެހިން ސަގާފަތާއި ތާރީހާ ގުޅޭ މުހިއްމު ބައިތަކެއް ވަނީ ހިމަނާފައެވެ. އައު ވެބްސައިޓްގައި ވަނީ ރާއްޖޭގެ މާއްދީ ތަރިކަ އާއި މާނަވީ ތަރިކައާ ބެހޭ މައުލޫމާތުގެ ލިއުމާއި، އޯޑިއޯ އާއި ވީޑިއޯ ހިމަނާފައެވެ.
ދިވެހިން މީގެކުރިން އަޑުއަހާ އުޅުނު ވާހަކަތަކާއި ރާއްޖޭގައި ފާހަގަކުރާ މުހިއްމު ދުވަސްތަކުގެ މައުލޫމާތު މި ވެބްސައިޓުން ބަލާލެވެއެވެ.
ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ދިވެހި ރާއްޖޭގެ އަޑުގެ ދެ އުފެއްދުމެއްވެސް މި ވެބްސައިޓުން އަޑުއެހޭނެ ގޮތްވަނީ ހަދާފައެވެ. އެއީ މި ޖީލުގެ އުސްތާޒު، އަލްއުސްތާޒު މުހައްމަދު ޖަމީލް ދީދީ ކިޔުއްވާފައިވާ ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާއާ ކޮންމެ ކޮންމެ ރޯދަމަހެއް އެއާ ގުޅިފައިވާ ހާޖަރާގެ މުހައްމަދު ތައުފީގުގެ އަޑުން ރެކޯޑްކޮށްފައިވާ ކީރިތި ރަސޫލާގެ ސިޔަރަތެވެ.
މި ވެބްސައިޓުން އެންމެ ފާހަގަ ކޮށްލެވޭ އެންމެ ހާއްސަ އެއް ކަމަކީ ރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ ބައެއް ބިނާތައް ތްރީޑީކޮށް ބަލާލެވޭކަމެވެ.
ތްރީޑީކޮށް ބަލާލެވޭ ތަންތަން
- އުތީމު ގަނޑުވަރު
- ހުކުރު މިސްކިތު މުންނާރު
- ފުވައްމުލަކު ފުނާޑު މިސްކިތް
- ހުޅުމީދޫ ކޯގަންނު މިސްކިތް
މީގެއިތުރުން ރާއްޖޭގައި ފާހަގަކޮށްލެވޭ ވަރުގަދަ ސަހުސިއްޔަތުތަކުގެ ޕްރޮޕައިލްތަކާއި މާއްދީ ތަރިކައިގެ ގޮތުގައި ގުނާ ތަންތަނުގެ މައުލޫމާތާއި ތަރިކައިގެ ދަފްތަރުވެސް މި ވެބްސައިޓުން މިހާރު ބަލާލެވޭނެއެވެ.