ސަރުކާރުން ހިންގާ ރައީސްގެ ސުވާލާއި ޖަވާބު ޕްރޮގްރާމްގައި ލ.މާބައިދޫ އާދަމް އަބްދުﷲ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ސިއްހީ ނިޒާމް ވަރުގަދަ ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއްސިޔާސަތުކަމަށެވެ.
ރާއްޖޭގައި ތިބި ހާއްސަ ބަލީގެ ޑޮކްޓަރުން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ވަޒީފާ އަދާ ކުރެވޭނެ ގޮތް ހެދުމަކީ މި ސަރުކާރުން އެންމެ ގަދައަޅާ ކުރާ އެއް މަސައްކަތް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގައި ހާއްސަ ބަލީގެ ޑޮކްޓަރުން ނެތް ދާއިރާތައް ބަލާ އެ ދާއިރާތަކަށް ރާއްޖެއިން ބޭރުން މިފަދަ ބަލިތަކުގެ ހާއްސަ ޑޮކްޓަރުން ގެނެއުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ހާއްސަ ބަލީ ޑޮކްޓަރުން ގިނަވުމުގެ ސަބަބުން ބަލި މީހާ މަޑުކުރަން ޖެހޭ ވަގުތުވެސް ކުޑަވެގެންދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެޕޮއިޓްމަންޓު ހަދާ އިރު އެޕޮއިޓްމަންޓް ލިބޭ ދުވަސް ޔަގީންކަމާ އެކު ބަލި މީހާ އަށް އިންގޭނެ ފަދަ ގޮތަކަށް ނިޒާމް ބައްޓަން ކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.
ހޮސްޕިޓަލްތަކުން ހިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަދޭ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ޑޮކްޓަރުން ވީހާވެސް ގިނައިރު ހޮސްޕިޓަލުގައި މަޑުކޮށްގެން ހިދުމަތް ދެވޭނެ ފަދަ ގޮތަކަށް ނިޒާމު ރާވާލަމުން އަންނަކަމަށް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.