މީގެ ހަ ދުވަސް ކުރިން އައިޖީއެމްއެޗްގައި ފަރުވާދޭން ފެށި އއ. ބޮޑުފުޅަދޫއަށް ނިސްބަތްވާ އަންހެންކުއްޖާ ޕެރައިންފްލުއެންޒާގައި ނިޔާވިއިރު, މިބައްޔަށް ވެކްސިނެއް އަދި ބޭހެއް ވެސް ނުހުރެ އެވެ.
ޕެރައިންފްލުއެންޒާ ޖެހިގެން އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކު ރޭ ނިޔާވި ހާދިސާ އާ ގުޅިގެން އައިޖީއެމްއެޗުން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
މިބަލީގެ ވައިރަހުގެ އަސަރުކޮށްފައިވާ މީހުން ރާއްޖެއިން ފެންނަނީ ވަރަށް މަދުން ނަމަވެސް މިދިޔަ މަހު ވަނީ މިބަލީގައި ޒުވާން ފިރިހެނަކާއި އަންހެނަކު ނިޔާވެފަ އެވެ.
އިންފްލުއެންޒާ އާއި ޕެރައިންފްލުއެންޒާ އަކީ އެއްގޮތް ކަންތައްތައް ހުރި ނަމަވެސް ދެ ބައްޔެކެވެ. އިންފްލުއެންޒާ އާއި ޕެރައިންފްލުއެންޒާ ފެތުރޭ ގޮތާއި ބަލީގެ އަސަރުކުރާ ތަންތަނާއި އަދި ނުރައްކާ އޮންނަ އުމުރު ދާދި އެއްގޮތެވެ.
ނަމަވެސް އިންފްލުއެންޒާއާއި ހިލާފަށް ޕެރައިންފްލުއެންޒާއަށް ބޭހެއް ނުވަތަ ވެކްސިނެއް އުފައްދާފައެއް ނުވެ އެވެ.
އިންފްލުއެންޒާއެކޭ އެއްގޮތަށް ޕެރައިންފްލުއެންޒާ ވެސް ފެތުރެނީ ބަލިޖެހިފައިވާ މީހެއް ކެއްސާ ކިނބިހި އަޅާއިރު ވައިގެ ތެރެއަށް ދޫވާ ކުޅުތިކީގެ ޒަރިއްޔާއިންނެވެ. އަދި ބަލީގެ ޖަރާސީމުގެ އަސަރު, ޖަރާސީމު ހަރުލާ ތަނެއްގެ ގޮތުން ގަޑިއިރުތަކަކަށް ހުންނާނެކަމަށްވެސް ސިއްހީ މާހިރުން ވިދާޅުވެ އެވެ.