ގްލޯޓެބް އިންވެސްޓްމަންޓުން އިންތިޒާމުކޮށްގެން ދެވަނަ ފަހަރު ބާއްވާ މި އިވެންޓަކީ ރާއްޖޭގެ މާކެޓިން ދާއިރާއަށް ހާއްސަކޮށްގެން ބޭއްވޭ އެންމެ އުންމީދީ އެއް ހަރަކާތަށް ވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.
އެގޮތުން މިއީ އިވެންޓްގައި މި ސިނާއަތުގެ އިސްވެރިންނާއި މާކެޓިން ޕްރޮފެޝަނަލުންނާއި އުއްމީދީ ހުނަރުވެރިން އެއް ތަނަކަށް އެއްކުރެވޭނެ ސަމިޓެއް ކަމަށް ދިރާގުން ފާހަގަ ކުރެ އެވެ. އަދި މި ސަމިޓުގައި މާކެޓިން ދާއިރާގެ މުސްތަގްބަލު ބައްޓަންކުރާނެ ކަމަށް ލަފާކުރެވޭ އެންމެ ފަހުގެ ޓްރެންޑްތަކާއި ސްޓްރެޓެޖީތަކާއި ޓެކްނޮލޮޖީތައް ދެނެގަނެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ދިރާގުން ބުނީ މި އަހަރުގެ ދަ މާކެޓާސް ސަމިޓްގައި މައިގަނޑު ގޮތަކަށް އަލިއަޅުވާލާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން މާކެޓިން ޓްރެންޑްސް އަދި ޑައިނަމިކްސްއަށް ކުރާ އަސަރުގެ މައްޗަށް ކަމަށެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގައި ދިވެހި އަދި ބޭރުގެ ކަމާބެހޭ ފަރާތްތަކުން ތަފާތު މައުލޫތަކާ ބެހޭގޮތުން އެ ފަރާތްތަކުގެ ވިސްނުމާއި އުކުޅުތައް ބައިވެރިންނާ ހިއްސާކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި އަހަރުގެ މާކެޓާސް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 އާއި 24 ވަނަ ދުވަހު، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ސީއޭ އޯޑިޓޯރިއަމްގަ އެވެ.