ނ. އަތޮޅުގައި މިއަދު ޕޮލިސް ޕޯސްޓު ހުޅުވާފައިވަނީ އެ އަތޮޅު މާޅެންދު އާއި މިލަދޫގަ އެވެ. މާޅެންދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ޕޮލިސް ކޮމިޝަރު އަލީ ޝުޖާއު އާއި މާޅެންދޫ ކައުންސިލުގެ ރައީސް މުހައްމަދު ހަސަން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ އަލީ ޝުޖާއު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށް ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ހިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތާއި އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތްދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާކަމަށްވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ.
.
މާޅެންދޫ ޕޮލިސް ޕޯސްްޓް ހުޅުވައި ދެއްވުމަށް ފަހު މިއަދު ދެން ހުޅުއްވައި ދެއްވީ މިލަދޫ ޕޮލިސް ޕޯސްޓް އެވެ. މިލަދޫ ޕޮލިސް ޕޯސްޓް ހުޅުވައިދެއްވީ ޕޮލިސް ކޮމިޝަރު އަލީ ޝުޖާއު އާއި މިލަދޫ ކައުންސިލުގެ ރައީސް އަބްދުލް މަޖީދު މުހައްމަދު އެވެ
މިލަދޫ ޕޮލިސް ޕޯސްޓް ހުޅުވައިދެއްވި ރަސްމިއްޔާތު ވާހަކަ ދައްކަވަމުން ސީޕީ ސުޖާއު ވަނީ މިލަދޫ އަކީ ރަށުގެ ރައްޔިތުން ބޭނުންވާ ފަދައިން، ކުށްމަދު އަމާން، ހޭލުންތެރި ބަޔަކު ދިރިއުޅޭ ރަށަކަށް ހެދުމަށް ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.
ދިވެހި ފުލުހުންނަކީ ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ޖާނާއިމާލުން ގުރުބާންވަމުންދާ ބައެއްކަމަށާއި، ފުލުހުން ރެ އާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި ކުރާ މަސައްކަތުގެ ބޭނުމަކީ، ރާއްޖެއަކީ އެންމެންނަށް ރައްކާތެރި އަމާންތަނަކަށް ހަދައި، ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ހިތްހަމަޖެހިލައިގެން އުޅެވޭނެ ފަހި މާހައުލެއް ތަނަވަސްކޮށް ދިނުން ކަމުގައި ޕޮލިސް ކޮމިޝަރު ވިދާޅުވިއެވެ.
މާޅެންދޫ އަދި މިލަދޫ ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ވަނީ ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަގާފައެވެ.
މި ދެ ޕޮލިސް ޕޯސްޓު ހުޅުވުމަށް މާޅެންދުއާއި މިލަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، ނޯތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީ އާއި، ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން، އެ ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.