އެމްކިއު-9 ރީޕާ ޑްރޯންއަކީ އެމެރިކާ އަސްކަރިއްޔާގެ އެންމެ އަގުބޮޑު ޑްރޯންތަކުގެ ތެރެއިން ޑްރޯންއެކެވެ.
އެންމެ ޑްރޯނެއްގެ އަގު އުޅެނީ 35 މިލިއަން އެމެރިކާ ޑޮލަރުގައެވެ.
ހޫތީންނާ ހަވާލާދީ "އަލްޖަޒީރާ" އިން ރިޕޯޓްކުރާ ގޮތުގައި އެ ޖަމާއަތުން ވަނީ ޔަމަނުގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ ޑްރޯނެއް ވައްޓާލާފަ އެވެ.
މިއަދު ވެސް އެމްކިއު-9 ޑްރޯނެއް ވައްޓާލާފަވާއިރު މީގެ ިުކުރިން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ވަނީ ރަތް ކަނޑުގެ މަތިން އެމްކިޔު-9 އެއް ވައްޓާލާފައިވާ ކަމަށް ނޮވެމްބަރު މަހު އެއްބަސްވެފަ އެވެ.
އޭގެ އިތުރުން މިއަދު ހޫތީން ވަނީ ގްރީސްގެ ދިދައިގަ، އެމެރިކާގެ މުދާ އުފުލާ ބޯޓަކަށް މިސައިލް ހަމަލާއެއް ދީފައެވެ.
އިނގިރޭސިވިލާތުގެ މެރިޓައިމް އެޖެންސީ ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނީ ޔަމަނުގެ އޭޑެން ބަނދަރުގެ އިރުމަތީގައި 161 ކިލޯމީޓަރު ދުރުން ދަތުރުކުރަމުން ދިޔަ އުޅަނދަކާ ކައިރިން ގޮވުމެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ.
ޔޫކޭއެމްޓީއޯ އިން ބުނީ އުޅަނދާއި އޭގެ ފަޅުވެރިން ސަލާމަތުން ތިބި ކަމަށާއި މިހާރު ކައިރި ބަނދަރަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.
ހޫތީ ހަނގުރާމަވެރިން ވަނީ އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ފަލަސްތީނަށް ތާއީދުކުރާ ކަމަށް ބުނެ ނޮވެމްބަރު މަހުން ފެށިގެން ރަތް ކަނޑާއި އޭޑެން ގަލްފުން ދަތުރު ކުރާ އިޒްރޭލުގެ ބޯޓުތަކަށް ޑްރޯން އާއި މިސައިލް ހަމަލާތައް ދީފަ އެވެ.
އެކަމުގެ ރައްދުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ޔަމަނުގައި ހޫތީންގެ އަމާޒުތަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ.
ޔަމަނުގެ ވެރިރަށް ސަނާ އާއި އެގައުމުގެ އުތުރުގެ ވެރިކަން 2014 ވަނަ އަހަރު އަތުލައިގަތް ހޫތީންގެ އަތުގައި އެންމެ ކުރިއަރާފައިވާ ޑްރޯންތައް ވައްޓާލުމުގެ ގާބިލްކަން ހުރި އެއާ ޑިފެންސް މިސައިލް ސިސްޓަމްތައް ހުރެ އެވެ.