ބެޔާން މިއުނިކުގެ ކޯޗުކަމުން ޓުޗެލް ވަކިކޮށް، އެ މަގާމަށް ސޮލްޝާ ހަމަ ޖައްސަން އުޅޭ ކަމަށް ރިޕޯޓްތައް ބުނިނަމަވެސް ބެޔާނުން ރަސްމީކޮށް އެކަމުގައި އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.
އެހެންނަމަވެސް ބެޔާން މިއުނިކްގެ ނަތީޖާ މި ފަހުން ދަށްވެފައިވާތީ ޓުޗެލް ވަކިކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ބެޔާންވަނީ އެ ޓީމުން އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ.
ޖަރުމަންގެ ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބެޔާންގެ ވިސްނުން ހުރީ ސީޒަންގެ ނިޔަލަށް ބާކީ މިއޮތް ދުވަސްކޮޅަށް ސޮލްޝާއާ އެކްލަބު ހަވާލު ކުރާށެވެ. އެހެން ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ސީޒަންގެ ނިޔަލަށް ޓުޗެލް މަގާމުގައި ބަހައްޓާފައި، އަންނަ ސީޒަނަށް ރަސްމީކޮށް ސޮލްޝާއާ ބަޔާން ހަވާލު ކުރުމުގެ ވިސްނުމެއްވެސް ކްލަބުން ގެންގުޅެއެވެ.