ސްޓެލްކޯއިން ބުނިގޮތުގައި ދޮން އަދަރާދަ ހިންގުން ހުޅުވާލުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.
ގިނަ ދުވަސްތަކެއް ވަންދަން ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައިވާ އެ މަގު ބަހައްޓާފައިވާ ޖަނަރޭޓަރުތައް މިހާރު އެތަނުން ނަގާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވަނީ ވިދާޅުވެ އެވެ.
އަދި މަގުގައި ކުރިން 17 އިންޖީނު ބަހައްޓާފައި ހުރި ކަމަށާއި މިހާރު އެ އިންޖީނުތައް ވަނީ ހުޅުމާލެއަށް ބަދަލު ކުރެވިފައިވާކަމަށް ފަހުމީ ވިދާޅުވެފާވެއެވެ. އިންޖީނުތައް ހުޅުމާލެއަށް ބަދަލުކުރީ ދޮންއަދަރާދަ ހިންގުން ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އިންޖީނުތަކުގެ އަޑާއި ދުމުގެ ސަބަބުން އުނދަގޫވާ މައްސަލައަށާއި އެ މަގު ބަންދުކޮށްފައި ބޭއްވުމުން އެ ސަރަހައްދުގެ ޓްރެފިކަށް ބާރުބޮޑުވާ ބޮޑުވުން ނިމުމަކަށް ގެނައުމަށް ކަމަށް އެމްޑީ ވިދާޅުވި އެވެ.
ސްޓެލްކޯއިން ދަނީ އެ ކުންފުނީގެ ބޭނުމަށް ނަގާފައިވާ ބިންތަކުގެ ސަބަބުން އާންމުންނަށް އުނދަގޫވާގޮތަށް ބަންދުކޮށްފައިވާ ތަންތަން ހުސްކޮށް އެ ތަންތަން އާންމުންނަށް ބޭނުން ކުރެވޭގޮތް ހަދަމުންނެވެ.