އެސިޓީގެ ސިއްހީ ހިދުމަތްތައް ހުރި ފެންވަރާ މެދު ކަންބޮޑުވެ ވަޑައިގެން ރައީސް ވިދާޅުވީ ފުވައްމުލަކު ސިއްހީ ހިދުމަތްތައް ހުރީ މިހާރު ހުންނަންވި ފެންވަރެއްގައި ނޫން ކަމަށެވެ.
ދެކުނުގެ ހަތަރު އަތޮޅަށް ކުރައްވަމުންގެންދާ ދަތުރުފުޅުގައި ރޭ ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތިން ވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް ފުވައްމުލަކުގެ ސިއްހީ ހިދުމަތްތައް ރަނގަޅުކުރަން ޖެހޭ ކަމަށާއި އެސިޓީގައި މި ސަރުކާރުން ފުރިހަމަ ޓާޝަރީ ހޮސްޕިޓަލެއް ގާއިމު ކޮށްދެއްވާނެކަމަށެވެ.
ރާއްޖޭގައި އެއް ރަށް ހިމެނިގެން ވަކި އަތޮޅެއްގެގޮތުގައި އޮތް ފުވައްމުލަކުގައި 30 އެނދުގެ ހޮސްޕިޓަލުގައި މިދިޔަ ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަން ނިމުނު އިރު ނަވާވިހަހަށް ޑޮކްޓަރުން މަސައްކަތް ކުރަމުން ދިޔަ އެވެ. އޭގެ ތެރޭގައި ހާއްސަ ބަލިތަކަށް ފަރުވާ ދޭ 11 ޑޮކްޓަރަކު ހިމެނެ އެވެ.
ލެވަލް އެކެއްގެ ފެންވަރުގައި ހިންގަމުން އަންނަ ފުވައްމުލަކު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތާއި ނަފްސާނީ ބައްޔަށް ފަރުވާ ދެމުންިޔަ ކަމަށާއި އެ ހިދުމަތްތަކަކީ ލެވެލް އެކެއްގެ ހޮސްޕިޓަލްތަކުން ލިބޭ ހިދުމަތްތަކަށް ވުރެ މަތީ ފެންވަރުގެ ހިދުމަތްތަކެއް ކަމަށް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާފައިވާ ބައެއް ބޭފުޅުން ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަން ނިމުނު އިރު ފުވައްމުލަކުގައި ޓާޝަރީ ފެންވަރަށް ހިންގުމަށް 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށްޓަަކައި ޓެންޑަރިންގެ މަރުހަލާގައި އޮތް ކަމަށް ނަން ނުޖަހަން އެދި ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވި އެވެ.