ads
މެމްބަރުންގެ އަދަދު ގުނުމުގެ މައްސަލައިގެ އަޑުއެހުން މާދަމާ
ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ މަރުހަލާތައް ބަޔާންކުރާ މަޖިލީހުގެ ގަވައިދަށް ގެނައި ބަދަލުތަކާއި ގުޅިގެން ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފި އެވެ.

މާދަމާއަށް ތާވަލްކޮށްފައިވާ އަޑުއެހުން އޮންނާ ހެނދުނު 10:00ގައެވެ.

ދައުލަތުގެ ބަންޑާރައި ނައިބް މި މައްސަލަ ސުޕްރީމްކޯޓަށް ހުށައެޅީ މިިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އެއާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރިފައެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. 87 މެމްބަރުން ތިބެންޖެހޭ މި ދައުރަށް ބަލާއިރު އެއީ 58 މެމްބަރުންނެވެ. 

އެހެންނަމަވެސް މަޖލީހުން ވަނީ އެ އަދަދު ގުނުމުގައި މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުގުނުމަށް ނިންމާ މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެެސްފައެވެ. މި ބަދަލު ގެނައީ އައު ސަރުކާރުގެ މަގާމުތަކަށް މަޖިލީހުގެ 6 މެމްބަރަކު މަޖިލީހުން ވަކިވެގެން އެ މަގާމުތަކަށް ދިޔުމުންނެވެ. 

ރައީސް ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުންވަނީ އަމުރުކުރީ މިދިޔަ ބުރާސްފަތިދުވަހުއެވެ. 

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުއްވި އަމުރުގައިވަނީ މެމްބަރުންގެ އަދަދު ގުނާނެ ގޮތާ ބެހޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް ކަމަށް ދައުލަތުން ތުހުމަތު ކުރާ ހާލަތެއްގައި، އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރިފައިވަނިކޮށް އާންމު ކޮމިޓީން މިހާރު ވަނީ، މައްސަލަ ޖެހުނު އިސްލާހުތައް ކުރީގެ މާއްދާއިން އުނިކޮށް، މަޖިލިސް ގަވާއިދުގެ އެހެން މާއްދާއެއްގައި އެކަމާ ގުޅޭ އިސްލާހު ހިމަނަން ފާސްކޮށްފަ އެވެ.

މި މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންނަކީ، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރާއި ޑރ. މުހައްމަދު އިބްރާހިމްއެވެ. ރައުޔު ތަފާތުވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރާއި ޑރ. މުހައްމަދު އިބްރާހިމްއެވެ. 

ޖުމްލަ މެމްބަރުންގެ އަދަދު ކުރިން ގުނަމުން އައީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ވާއިރު، ކޯޓުން ގޮތެއް ނިންމަންދެން މަޖިލީހުން ކުރިން އަމަލުކުރި ގޮތް ދެމި އޮންނަން ޖެހޭ ކަމަށް އެ އަމުރުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް