ads
މުޒާހަރާ ކުރަމުންދާ މަސްވެރިންނާއި ޝިޔާމް ބައްދަލުކުރައްވަނީ
މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި
މަސްވެރިންނަށް ފައިސާ ނުލިބި ލަސްވުމާ ގުޅިގެން ވަރުގަދަ އިހުތިޖާޖުތަކެއް ކުރިއަށް ގެންގޮސްފައިވަނިކޮށް މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި އެވެ.

މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އެ ކުންފުނީގެ ސީސީއޯ އާއި މެނޭޖްމަންޓުން މަސްވެރިންނާ ބައްދަލުކޮށް އެ ފަރާތްތަކުގެ އުދާސްތަކާއި ޝަކުވާތައް ގާތުން އަޑުއަހާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ފާހަގަކުރި ފައިސާދޫކުރާނެ ގޮތުގެ ތަފްސީލާ އެއްގޮތަށް، މިއަދުން ފެށިގެން ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިފްކޯއިން ބުނެ އެވެ.

މިފްކޯއިން ބުނީ މަސްވެރިން ތަހައްމަލުކުރަމުންގެންދާ މޮޅިވެރިކަމަށް ނިމުނެއް ގެނައުމަށް އެ ކުންފުނީގެ މެނޭޖްމަންޓުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މަސްވެރިންނަށް ފެންވަރު ރަނގަޅު އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މަސްއޮޑިފަހަރަށް ދޭންޖެހޭ ފައިސާ ދޫކުރުމުގެ ހައްލު ހޯދައިދިނުމަށް ކަމާބެހޭ ވުޒާރާތަކާއި މަސްވެރިން ހިމެނޭގޮތަށް ގުޅިގެން، މިފްކޯގެ މެނޭޖްމަންޓް ޓީމުން މެދުނުކެނޑުމެއްނެތި މަސައްކަތްކުރަމުން ގެންދާނެއެވެ." މިފްކޯގެ ބަޔާނުގައިވެ އެވެ.

މީގެއިތުރުން މިފްކޯއިން މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި މަސްވެރިން ދެއްކި ރީތި ނަމޫނާ އާއި ބެހެއްޓި ގާތްކަން އުފަލާއެކު ބަލައިގަންނަ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި މަސްވެރިންގެ ކެތްތެރިކަމާއި ދެ އެއްބާރުލުމަށް މިފްކޯއިން ވަނީ ޝުކުރު އަދާ ކޮށްފަ އެވެ. 

މަސްވެރިންގެ ފައިސާ ލަސްވާ މައްސަލައިގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވެސް ގާތްގަނޑަކަށް 260 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ނުދީ އޮތް ކަމަށެވެ. އަދި އެފައިސާ އާއި އޭގެ އިތުރަށް ދޭން ޖެހޭ ފައިސާ ވެސް ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އަމާޒަކީ 48 ގަޑިއިރުތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ކޫއްޑޫއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. އަދި މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ދީ ނިންމަވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް