ތިނަދޫ ފަޅު ހިއްކައިގެން ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީކުރުމުގެ ތައިލޭންޑުގެ ޕޭން ޕެސިފިކް ކުންފުންޏާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިިދިދޔަ އަންގާރަ ދުވަހު ރައީސް މުއިއްޒު އެރަށް ކުރެއްވި ދަތުރުގައެވެ. އަދި މަޝްރޫއަކީ 600 މިލިއަން ޑޮލަރުގެ މަޝްރޫއެއްކަމަށް ސަރުކާރުން ދިޔައީ ބުނަމުންނެވެ.
އެހެންނަމަވެސް މި މަސައްކަތް ހަވާލުކުރި ތައިލޭންޑުގެ ޕޭން ޕެސިފިކް ކުންފުނީގެ ގާބިލުކަމާއި މެދު އެތައް ބައެއް ވަނީ ސުވާލު އުފައްދާފައެވެ. އަދި އެކުންފުނިން މިހާތަނަށް މިފަދަ ބޮޑު މަޝްރޫއެއް ހިންގި ކަމުގެ މައުލޫމާތެއްވެސް ފެންނަން ނެތް އިރު އެކުންފުނީގެ ވިޔަފާރި ރަޖިސްޓްރޭޝަނުން ފެންނަން އޮތީ އެ ކުންފުންޏަކީ ހޯލްސޭލްކޮށް އަންނައުނުގެ ވިޔަފާރި ކުރާ ކުންފުންޏެއްގެ ގޮތުގައެވެ. އަދި އެއާޕޯޓްގެ އެއްބަސްވުމުގައި ސޮއިކުރި ޒިރާޓްއަކީ ކުންފުނީގެ ވެރިއެއްކަންވެސް އެނގޭނެ އެއްވެސް މައުލޫމާތެއް ނެތެވެ.
މިކަމާއި ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތައިލޭންޑުގެ ޕޭން ޕެސިފިކް ކުންފުންޏާއެކު އެމްއޯޔޫއެއްގައި ސޮއިކުރީ މަޝްރޫއު ކުރިއަށް ގެންދަން އެކުލަވައިލެވޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް ބެލުމަށް އިކޮނޮމިކް ކައުންސިލުން ފާސްކޮށްގެންކަމަށެވެ.
މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޕޭން ޕެސިފިކް ހުށައަޅާފައިވަނީ 4 ކިލޯމީޓަރުގެ ރަންވޭއަކާއި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޓާމިނަލެއްގެ އިތުރުން ސީޕްލޭން ޓާމިނަލެއް ގާއިމުރާނެކމަށެވެ. އަދި މިތަންތަން ގާއިމުކުރާނީ ބައިނަލްއަގްވާނީ އެއާޕޯޓެއްގައި ހުންނަ ހުރިހާ ވަސީލަތްތަލާއި އެކުކަމަށް އެކުންފުނިން ބުނާކަމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. މީގެއިތުރުން މަތީ ފަންތީގެ ރިސޯޓާއި މެރީނާއަކާއި ފްލައިން ސްކޫލެއް އެޅުމަށްވެސް ޕޭން ޕެސިފިކް ހުށައަޅާފައިވާކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.