ads
ރައީސް އާ ނާފިޒުގެ ސުވާލު ކުރަނީ--
55 އަހަރުގެ ރިޓަޔާމަންޓް އެލަވަންސްގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި
ސިވިލް ސާވަންޓުންގެ ތެރެއިން 55 އަހަރުވެގެން ރިޓަޔާ ކުރާ ފަރާތްތަކަށް ދޭން ވައުދުވި ރިޓަޔާމަންޓް އެލަވަންސް ދެއްވާނެކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު އަނެއްކާ ވެސް ދެއްވައިފި އެވެ.

ގެމަނަފުށީ ސްކޫލުގެ ޓީޗަރެއްކަމަށްވާ މުހައްމަދު ނާފިޒު، ރައީސްއާ ކުރެއްވި ސުވާލަށް "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ ތެރެއިން ޖަވާބުދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، 55 އަހަރާއި 65 އަހަރާ ދެމެދުގައި ރިޓަޔާވާ ފަރާތްތަކަށް އެލަވަންސްއެއް ތައާރަފް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ އެ އެލަވަންސް ދިނުމަށްޓަަކައި ކުރަންޖެހޭ އިދާރީ މަސައްކަތް ރައީސް އޮފީހުން ފަށާފައިވާކަމަށެވެ. އަދި އެކަމާ ގުޅިގެން މަޖިލިހަށް ހުށަހަޅަންޖެހޭ އިސްލާހުތައް ފަދަ ގާނޫނީ މަސައްކަތްތައް، އެޓާނީ ޖެނަރަލްގެ އޮފީހާ ގުޅިގެން ކުރިއަށްގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ އެ މަސައްކަތް ކުރާނެ އިރާދަކުރެއްވިއްޔާ އިނގޭތޯ، އިރާދަކުރެއްވިއްޔާ އެކަމަށް ހައްލެއް ގެނެސްދޭނަން އަޅުގަނޑު ވައުދުވީ ގޮތަށް،" ރައީސް ވިދާޅުވި އެވެ.

އުމުރުން 55 އަހަރާ 65 އަހަރާ ދެމެދު ރިޓަޔާވާ ސިވިލް ސާވިސް މުވައްޒަފުންނަށް އެލަވަންސެއް ތައާރަފް ކުރުމަކީ ރައީީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

"ރައީީސްގެ ޖަވާބު"ގެ ނަމުގައި ރައީީސް އޮފީހުން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ރައީސް ޑރ. މުއިއްޒު ގެންދަވަނީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް