ads
ރައީސް ޑރ. މުއިއްޒު ކޮލަމާފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
"މަޖިލިސް އިންތިހާބުގައި ގޯސް ނިންމުމެއް ނިންމައިފިނަމަ ގެއްލުންވާނީ ރައްޔިތުންނަށް"
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ގޯސް ނިންމުމެއް ނިންމައިފިނަމަ އެކަމުގެ ގެއްލުންވާނީ ރައްޔިތުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކޮލަމާފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގޭނީ ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތަކައް ތާއީދުކުރާ ރައްޔިތުންގެ މަޖިލިހެއް އޮވެގެން ކަމަށެވެ.

ރައީސް ވިދާޅުވީ ބައެއް ދާއިރާތަކުގައި ވޯޓުލުމުގައި ބަލަނީ ޒާތީ، އާއިލީ ނުވަތަ ޕާޓީ ވިސްނުމަށް ކަމަށެވެ. ނަމަވެސް ސަރުކާރުން އިގްތިސޯދީ ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅާފައިވާ މި ވަގުތުގައި ގޯސް ވިސްނުމެއްގައި ވޯޓު ދީފި ނަމަ، އޭގެ ގެއްލުން ރައްޔިތުންގެ ތަރައްގީގެ މަޝްރޫއުތަކަށް ކޮށްފާނެ ކަމުގައި އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"މި ރަނގަޅު މަގުން މަސައްކަތް ފަށާފައި އޮއްވައި، މި ދެންނެވި ޒާތީ، އާއިލީ، ޕާޓީ ނިޒާމަށް އެކަނި ވިސްނާލާފަ ބައެއް ދާއިރާތަކުގައި، ކުރިއަށް މި އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކަންކަން ނިންމިއްޖެޔާ ގެއްލުން ވާނީ ރައްޔިތުންނަށް." ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖޭގެ ދުސްތޫރީ ނިޒާމު އޮންނަ ގޮތުން، ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ހުއްޓުވުމުގެ ބާރު މަޖިލިހަށް އޮންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން މި ހައްސާސް ދަނޑިވަޅުގައި ރައްޔުތުންނަށް ލިބިފައި އޮތް ބާރުގެ ބޭނުން ޒިންމާދާރު ގޮތުގައި ކޮށް، ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ ނެތުމުގެ ސަބަބުން ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ގިނަ ދަތިތަކެއް ދިމާވަމުން ގޮސްފައިވާ ކަމަށާއި، މަޖިލިހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ފަސޭހަ ވެގެންދާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް