
ސިލްސިލާކޮށް ކުރިއަށްގެންދާ "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ރައީސް މިރޭ ވިދާޅުވީ ފުލުހުންނާއި ސިފައިންގެ މުސާރަ އަންނަ މާރޗް މަހު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ވެސް ނިމި އެތަނަށް ފުލުހުންނަށް ވެސް ވަރަށް އަވަހަށް ވަދެވޭނެ ކަމަށެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަތަކަށް ގެންނަ ބަދަލުތައް ދިރާސާކުރުމުގެ މަސައްކަތް ޕޭ ކޮމިޝަނުން މިހާރު ކުރަމުންދާ ކަމުގައިވެސް ސަރުކާރުން ވަނީ މިފަހުން ވިދާޅުވެފަ އެވެ.
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވައި 15 ސެޕްޓެމްބަރު 2023 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ބޮޑުކޮށްދޭނެ ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވާފަ އެވެ.
ފުލުހުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރެވޭނެކަން ފިނޭންސް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާ ކަމަށް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިފަހުން ވަނީ ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުން އަވަސްކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ނިމުނު ހަފްތާގައި ވަނީ ހުށަހަޅައިފަ އެވެ.