ads
ރައީސް ދެއްވީ ފްލެޓް ލިބުނު އެއްވެސް މީހެއްގެ ހައްގު ގެއްލި ނުދާނެ ކަމުގެ ޔަގީންކަން
ނިމިދިޔަ ސަރުކާރުން، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް ދޫކޮށްފައިވަނީ އެ ލިބެންޖެހޭ މީހުންނަށްތޯ އިތުރަށް ޔަގީންކުރުމަށް ޓަކައި، ރައްޔިތުން އިތުބާރުކުރާ ގަދަރުވެރި މީހުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވައިލާ ލިސްޓުތަކުގެ ސައްހަކަން ކަށަވަރުކުރާނެކަމަށާއި އަދި ފްލެޓް ލިބުނުކަމަށް ކަނޑައަޅާފައިވާ އެއްވެސް މީހެއްގެ ހައްގު ގެއްލުނަ ނުދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސިލްސިލާކޮށް ބާއްވާ "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އޭސީސީން އަދިވެސް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ހައުސިން މިނިސްޓްރީއަށް ނުދޭ ކަމަށެވެ. ނަމަވެސް، ޕޯޓަލްގެ އެކްސެސް މި ހަފްތާ ދޭނެ ކަމަށް އޭސީސީން އޮތީ ބުނެފަ އެވެ.

ލިސްޓުގައި ހުރި މައުލޫމާތުތައް ބެލުމަށް ފަހު އާންމުކުރަން ސަރުކާރުން ބޭނުންވި ނަމަވެސް، ރައީސް ވިދާޅުވީ، ޕޯޓަލްގެ އެކްސެސް ނުލިބޭތީ މައުލޫމާތު ވެސް ބަލައިނުލެވޭ ކަމަށެވެ.

"މިހާރު ކަނޑައަޅާފައި އޮތީ މުޖުތަމައު ތެރޭގައި މީހުން ބަލައިގަންނަ، އިތުބާރު ކުރާ ފިގާސް ހިމެނޭ ގޮތަށް ނޫނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރަނގަޅު ބޭފުޅުންކޮޅެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ވެސް އުފައްދަން،" ރައީސް ވިދާޅުވި އެވެ. "އެމީހާގެ ހައްގު އެއްކޮށް ގެއްލުނަކަ ނުދޭނަން. އަދި އަޅުގަނޑުމެން ބައިވަރު ހައުސިން މަޝްރޫއުތައްވެސް ހިންގަން އެބަހުރި މިއަހަރު ތެރޭގައިވެސް ފަށަން. އެއްވެސް މީހަކު ގެދޮރުވެރިކަން ނެތިގެންދާނެގޮތެއް ނުވާނެ."


ރައީސް ވިދާޅުވީ ކުރިން އޮތް ސަރުކާރުން ދޭން ނިންމާފައި ހުރި ބައެއް ފްލެޓްތައް ދެން އަންނަ ސަރުކާރަކުން ނުދޭން ނިންމާފައިވެސް އެބަހުރިކަމަށެވެ. އަދި ސަރުކާރުން ހިންގާ އެންމެ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫއެއްގެ ތެރެއިން އެފަރާތްތަކަށް ފްލެޓް ލިބޭނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ރައްޔިތުންގެ މިހާރުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ނިމިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ލިބުނު ފްލެޓަށް ވީނުވީއެއް ނޭނގުމެވެ. އަދި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ބިންތައް ވެސް އަދި ނުލިބި އޮތުމެވެ.

ގެދޮރުވެރިޔާ ސްކީމުގެ މައްސަލަ އަދި ވެސް އޮތީ އޭސީސީއާ ހަމައިގަ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި އެވެ. އެއީ 18955 މީހުންނަށް 9003 ގޯއްޗެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 9003 ގޯތީގެ ތެރޭގައި ހިމެނެނީ, ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި, ގުޅީފަޅުން ދޫކުރާ 2219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5433 ގޯއްޗެވެ. އެކަމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރުގެ ބިން ބޭނުންވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް