މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވި ގ. ކީމާ، އަބްދުﷲ ރަޝީދުގެ އަނބިމީހާ ޝެހެނާޒް "އަހާ" ފޯރަމުގައި ރޭ ކުރެއްވި ސުވާލަަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ފަސްއަހަރު މަޑުކުރަން ނުޖެހޭނެ ކަމަށާއި ވީހާވެސް އަވަހަކަށް ހައްލުހޯދައިދޭނެ ކަމަށެވެ.
ޝެހެނާޒް ބުނީ، މައްސަލައިގެ ރިޕޯޓު އާއިލާ އަށް ލިބޭ ވަރުވީ، އިންތިގާލީ އިންސާފުގެ އޮފީހަށް ހިނގާތާ ތިން ދުވަސް ފަހުން ކަމަށާއި އޭގައި އޮތީ އަބްދުﷲ ރަޝީދަށް އިންސާފު ލިބެން ޖެހޭނެ ކަމަށެވެ. ސަރުކާރުން އާއިލާގެ ފަރާތުން މާފަށް އެދެން ޖެހޭނެ ކަމަށާއި ބަދަލު ވެސް ލިބެން ޖެހޭނެ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައި އޮތް ކަމަށް ޝެހެނާޒް ބުންޏެވެ.
އޭނާ އަށް ޖަވާބު ދެއްވަމުން ރައީސް އިތުރަށް ވިދާޅުވީ އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދުމާ ގުޅޭ ގޮތުން ކުރީގެ ސަރުކާރުން ގާނޫނު ހަދާފައި އޮތީ އެ ވެރިކަމުގެ ފަހު ދުވަހު އެ ގާނޫނު އުވޭ ގޮތަކަމަށާއި އެ ހުރިހާ ކޭސްތަކެއް ވެސް ބަންޑާރަ ނައިބުގެ އޮފީހަށް މިހާރު ގެނެސްފައިވާ ކަމަށެވެ.
އަދި ރައީސް ވިދާޅުވީ އަބްދުﷲ ރަޝީދުގެ އަންހެނުން ޝެހެނާޒް ވެސް ބަންޑާރަ ނައިބު އުޝާމްއާ އެ މައްސަލާގައި ބައްދަލުކޮށްފައިވާކަން އުޝާމްއާ ހަވާލާ ދެއްވައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
މޭ 1، 2015 ގައި ސަރުކާރާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރަށް ޖަލަށް ލާފައިވާ ރަޝީދު، 51، މަރުވީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެވެ.
ފަސް ކުދިން ހިމެނޭ އަބްދުﷲގެ އާއިލާ އިން އެއިރުވެސް ގަބޫލުކުރާ ގޮތުގައި އޭނާގެ މަރުގައި ދައުލަތުގެ އިހުމާލުވެ އެވެ.
އެއީ، ޖަލުގައި އޭނާގެ ބަލި ހާލަތު ސީރިއަސްވަމުން ދިޔަ އިރު ވެސް ފަރުވާ ނުދީ މާ ބޮޑަށް ލަސްކޮށްފައިވާތީ އެވެ.
ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އަބްދުﷲ ހޮޑުލައި ބޭރަށް ހިންގަން ފެށުމުން އެކަށީގެންވާ ފަރުވާ ނުދީ ވަނިކޮށް، މާލެ ގެނައީ ހާލު ސީރިއަސްވުމުން ކަމަށް އާއިލާ އިން ބުނެ އެވެ.
އައިޖީއެމްއެޗަށް ގެނައިއިރު، އިންފެކްޝަންގެ ސަބަބުން އަބްދުﷲގެ ދެ ކިޑްނީ އާއި ފުއްޕާމޭ ވެސް ވަނީ ހަލާކުވެފައި ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
އަބްދުﷲގެ މައްޗަށް ހުކުމް ކުރީ ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކު މަގުމައްޗަށް ވައްޓާލައި، ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގަ އެވެ