ads
ރައީސް އުތުރުގެ ހަތަރު އަތޮޅަށް ފުރާވަޑައިގެންފި
ރައީސް ޑރ މުޙައްމަދު މުއިއްޒު، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ހަ ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ޒިޔާރަތް ކުރައްވާ ސިޓީއާއި، ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފަ އެވެ.

ރައީސް މަސައްކަތްކުރައްވާނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ކަމުގައި މީގެ ކުރިން އެކި ފަހަރުމަތިން އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. އެގޮތުން ކައުންސިލްތަކުން އެމަނިކުފާނާ ބައްދަލުކުރެއްވުމަށް އައުމުގެ ބަދަލުގައި، އެމަނިކުފާނު ކަންކުރައްވާނެ ގޮތަކީ ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުން ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ހަމައެހެންމެ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އަތޮޅުތަކަށް ފުރަތަމަ ފެއްޓެވި ދަތުރުފުޅުގެ ތެރޭގައި އެމަނިކުފާނު ވަނީ ރޯދައިގެ ކުރިޔަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ. 

ރައީސް އުތުރުގެ ހަތަރު އަތޮޅަށް މިއަދު ދަތުރުފުޅެއް ފެއްޓެވިއިރު، މިދިޔަ ހަފުތާގައި އައްޑު އާއި ފުވަމުއްލަކާއި ގއ. އަދި ގދ. އަތޮޅަށް ވަޑައިގެންނެވި އެވެ. އަދި އޭގެ ކުރިން ތ. އަތޮޅަށް ވެސް ވަޑައިގެންނެވި އެވެ.

އެމަނިކުފާނު ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ބޮޑެތި މަޝްރޫއުތަކެއް ވެސް ފައްޓަވައިދެއްވައިފަ އެވެ.

މިއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭނާ ވެސް ގުޅުން ހުރި ދަތުރުފުޅުތަކެކެވެ. އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތު ސަރުކާރަށް ވަރަށް މުހިންމު ކަމަށް ވިދާޅުވެފަ އެވެ. އެ އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގަން ރައްޔިތުންގެ މަޖިލިހުން ދަތިކުރާނެކަމުގެ ވާހަކަ ވެސް ދައްކަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް