މި މަސައްކަތް ފަށްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
އަރަބިއްޔާއަކީ ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ. އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ކުނިކޮށި ހުރި ބިމުގައި އެވެ.
މި ރަސްމީޔާތުގެ ތެރެއިން މީޑިޔާ އަކާއި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އަރަބިއްޔާގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށިގެން ދިޔުމަކީ އެ ސުކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން ނުހަނު އުފާކުރާނެ ކަމެއްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު ކިޔަވަމުންދާ ތަނަކީ ދަރިވަރުންނާއި މުދައްރިސުންނަށް އެންމެ އެކަށީގެންވާ ވަސީލައްތައް ގާއިމުވެފައިވާ ތަނެއް ނޫންކަމަށާއި އަލަށް އިމާރާތްކުރާ 10 ފަންގިފިލާގެ މި އިމާރާތަކީ ދަރިވަރުންނާއި މުދައްރިއްސުންނަށް ބޭނުންވާނެ ހުރިހާ ވަސީލަތެއް ފުރިހަމަވެގެން ބިނާ ކުރެވޭނެ ތަނެއްކަމަށެވެ.
ޑރ. ޝަފީއު ވިދާޅުވީ، ޢަރަބިއްޔާ ސުކޫލްގެ އައު އިމާރާތަކީ ރާއްޖޭގައި އެންމެ ފުރަތަމަ އަންޑާ ގްރައުންޑް ޕާކިން އަކާއެކު ތަރައްގީކުރާ ފުރަތަމަ ސުކޫލް އިމާރާތްކަމަށާއި ސުކޫލަށް ބޭނުންވާ އިތުރު ހިދުމަތްތައްވެސް ގާއިމްކުރެވެވިގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ
42 ކުލާސް ރޫމް، ސައިންސް ލެބް، ލެބޯޓްރީސްތަކާއި މަލްޓިޕާޕަސް ހޯލް އަދި ކުދިން ކުޅޭނެ ޓާރފެއްވެސް މި ގޯތި ތެރޭގައި ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. ޝަފީއު ވިދާޅުވީ ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތާއެކު ދަރިވަރުން އުފުލަމުންދިޔަ ތަކުލީފުތަކަށް ނިމުމެއް އަންނާނެކަމަށާއި މީގެ ކުރިން އަރަބިއްޔާ ސުކޫލް އެޅުމަށް ކަނޑައެޅިގެން ދިޔަ ބިމަކީ އެންމެ ރަނގަޅު ބިމެއް ނޫންކަމަށެވެ. ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ އެއީ ޓްރެފިކްވެސް ބާރު ބޮޑު ސަރަހައްދެއްކަށް ވާތީ ކަމަށެވެ.
އެހެންނަމަވެސް މިހާރު ސުކޫލް އިމާރާތް ކުރާ ސަރަހައްދަކީ އެންމެ އެކަށޭނަ އަދި ދަރިވަރުންނާއި ބެލެނިވެރިންނަށްވެސް ފަސޭހަވާނެ ސަރަހައްދެއްކަން ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި އިމާރާތާއެކު އަރަބިއްޔާ ސުކޫލްގެ އައު ސަފްހާއެއް ފެށި، ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންގެވެސް ހުރި ކަންބޮޑުވުންތައް ހައްލުވެގެން ދާނެކަމަށެވެ.
އަރަބިއްޔާ ސުކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ-14 ގައި ހިމަނުއްވާފައިވާ މުހިންމު މަސައްކަތެކެވެ.
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 29 ސެޕްޓެމްބަރު 2022 ގައި އެވެ