ads
ރ. ކިނޮޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށައިފި
ރ. ކިނޮޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިންފްރާސްޓަކްޗާރް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ޙަސަން ރަޝީދާއި، އެމް.ޓީ.ސީ.ސީގެ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރ، އަހްމަދު ލަތީފްއެވެ.

ރަށްގިރުމުގެ މައްސަލަ ހައްލުވެގެން ދިޔުމުން ރަށަށް އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުންވެސް ކުރިއެރުން އަންނާނެކަމަށް ކިނޮޅަހު ކައުންސިލުން ވިދާޅުވެއެވެ.

ކިނޮޅަހުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، 19,780 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އެމް.ޓީ.ސީ.ސީގެ އަމާޒަކީ ކިނޮޅަހުގެ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވީހާ އަވަހަކަށް ހައްލުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.

ރ. ކިނޮޅަހުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 11.45 މިލިއަން ރުފިޔާއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް