ރައީސް ޑރ. މުއިއްޒު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ކެލާއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ ދެ މިލިއަން އެމެރިކާ ޑޮލަރާއި 2.4 މިލިއަން ދިވެހި ރުފިޔާކަމަށެވެ. ނަމަވެސް އެ މަނިކުފާނުގެ ވެރިކަމުގެ ތިން މަސް ދުވަހުގެ ތެރޭގައި ވާނީ 30 މިލިއަން ޑޮލަރު ފަންޑަށް ޖަމާކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ރޭޝިއޯއިން ބަލާއިރު މި އަހަރު ނިމޭނީ 130 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކުރެވިގެން ކަމަށެވެ. އަދި މިހާރު ގެންނަމުންދާ ޒިންމާދާރު ފިސްކަލް ރިފޯމުތަކާއެކު ބާރު ސްޕީޑްގައި ރާއްޖޭ ކުރިއަރައިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މި ސަރުކާރު އައި އިރު ފައިސާ ޗާޕުކޮރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އިގްތިސޯދީ އެ ފިޔަވަޅު މިއަދު ދުނިޔޭގެ މާލީ އިދާރާތަކުންވެސް ބަލައިގެންފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރާއެކު ޕްރައިވެޓް ސެކްޓާ ތަރައްގީކުރުމަށް ފައިސާ ލިބިގެންދާނެ ކަމަށެވެ. އަދި މުސްތަގްބަލުގައި ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ވެސް އެކަމުގެ ނަފާ ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން އެ ފަންޑަށް ޖަމާކުރާ ފައިސާގެ ތެރެއިން 3.8 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން މި އަހަރު ބޭނުން ކުރާނެ އެވެ.
ދަރަނި އަދާކުރަން އެސްޑީއެފްގެ ބޮޑު ބައި 2025 އާއި 2026ގައި ބޭނުން ކުރާއިރު މިވަގުތު ދައުލަތުގެ ދަރަނި ހުރީ 120 ބިލިއަން ރުފިޔާގަ އެވެ.