ads
ކެލާގައި ތިބެގެން އާމްދަނީ ލިބޭނެ ފުރުސަތު ފަހިކޮށްދޭނަން: ރައީސް
ކެލާގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރުމާއި ރަށުގައި ދަނޑުވެރިކަމުގެ ޕްރޮޖެކްޓް ހިންގާ އެކަންކަމުން އާމްދަނީ ލިބޭނެ ފަހި ފުރުޞަތު ރަށުގެ ރައްޔިތުންނަށް ހުޅުވައިދެއްވާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކެލާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކެލާއަކީ ފަތުރުވެރިކަން ފުޅާކުރެވޭނެ ފުރުސަތު އޮތް ރަށެއްކަމަށެވެ. އެގޮތުން ކެލާގެ ފަޅުތެރޭގައި ފަތުރުވެރިކަމުގެ ބޮޑު މަޝްރޫޢުއެއް ހިންގަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ. ރައީސް ވިދާޅުވީ ކެލާގެ އިތުރުން، މި ސަރަހައްދުގެ ޒުވާނުންނަށްވެސް މިކަމުގެ ސަބަބުން ރަށް ކައިރީގައި ވަޒީފާ އަދާކޮށް އާމްދަނީ ހޯދޭނެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށެވެ.

މިހާރު އެ ރަށުގައި ފަށާފައިވާ ޓުއަރިޒަމް ޒޯންގެ މަސައްކަތްވެސް އަވަސްކޮށްދެއްވާނެކަމަށްވެސް މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކެލާއަކީ ދަނޑުވެރިކަން ކުރާ ރައްޔިތުން އުޅޭ ރަށަކަށްވުމާއެކު ދަނޑުވެރިކަން ރަށުގައި ފުޅާކުރުމަށް ޕްރޮގްރާމެއް ހިންގަވައިދެއްވާނެކަމަށެވެ.

"ރާއްޖޭގައި އުފައްދާ ބާވަތްތައް ރާއްޖޭގައި އުފައްދާ ރިސޯޓްތަކަށް ސަޕްލައި ކުރުމުގެ މަސައްކަތް ވަރަށް ފުޅާކޮށް ގެންދަން ބޭނުން. މި ރަށް ވެގެންދާނެ އެކަމުގައި މުހިންމި ރަށަކަށް. އެގްރިކަލްޗަރ މިނިސްޓްރީ މެދުވެރިކޮށް އެކަން އިސްކަންދޭ މަސައްކަތްތެއްގެ ގޮތުގައި މިރަށުގައި ގެންދާނަން." ރައީސް ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ އެހެން ރަށްތަކޭ އެއްގޮތަށް، ކެލާގައިވެސް މަޑުޖެހިފާ މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭނެކަމަށެވެ. މީގެއިތުރުން ރަށުގެ ސިއްޙީ ޙާލަތު ރަނގަޅުކުރުމާއި ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގުމުގެ އިތުރު ސުކޫލާއި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ފެސިލިޓީ ރަށުގައި ގާއިމުކޮށްދެއްވަނެކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް