ads
ރުހުން ނުދިން ތިން ވަޒީރުން
3 ވަޒީރަކަށް ރުހުން ނުދިނީ ވަކި ގައުމެއް ރުއްސަން: ރައީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި 22 ވަޒީރުންގެ ކެބިނެޓުގެ ތެރެއިން ތިން ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނީ ވަކި ގައުމެއް ރުއްސަން ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް އިއްޔެ ފާޑުވިދާޅުވެއްޖެ އެވެ.

މަޖިލީހުން ރުހުން ނުދޭން ނިންމީ، ބަންޑާރަ ނައިބް އަހުމަދު އުޝާމަށާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދަށެވެ. މަޖިލީހުން ރުހުން ނުދޭން ނިންމިޔަސް ރައީސް ވަނީ އަލުން އެބޭފުޅުން އެ މަގާމުތަކަށް އައްޔަނު ކުރައްވާ، އަލުން ރުހުން ހޯދަން މަޖިލީހަށް ފޮނުއްވާފަ އެވެ. 

އިއްޔެ ހދ. ނޮޅިވަރަމްފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ މިހާރު ހިނގަމުންދާ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ބޮޑު މެޖޯރަޓީއެއް އޮތުމުގެ ސަބަބުން ކުރިމަތިވާ ދަތިތައް ފާހަގަކުރައްވައިފަ އެވެ. އަދި މެމްބަރުން ސީދާ ސަރުކާރަށް ދަތިކުރަން ބައެއް ކަންކަން ކުރައްވާ ކަމަށް ސިފަކުރެއްވި އެވެ. 

އެގޮތުން އެއް މިސާލަކަށް ތިން ވަޒީރަކަށް ރުހުން ނުދިނުން ފާހަގަކުރައްވާ ވިދާޅުވީ، އެއީ އެއްވެސް އަސާސެއްގެ މައްޗަށް މަޖިލީހުން ނިންމި ނިންމުމެއް ނޫން ކަމަށެވެ.

"އެކަން ކުރަމުންދިޔަ ގޮތް އަޅުގަނޑުމެންނަށްވެސް މައުލޫމާތު ލިބޭ، އެބޭފުޅުންގެ މައްޗަށް ބާރު ހިންގާ ރާއްޖޭން ބޭރުގެ ކޮންމެސް ބަޔަކު ކަމަށް ބޮޑަށް ގަބޫލުކުރެވޭ ފަރާތަކުން އަމުރުކުރާ ގޮތަކަށް، ހަމަ މަޖުބޫރުވެގެން" ރައީސް ވިދާޅުވި އެެވެ.

ވަކި ގައުމެއްގެ ނަން ވިދާޅުނުވި ނަމަވެސް މި ސަރުކާރުން ހާރިޖީ ގޮތުން އެންމެ ބޮޑަށް މައްސަލަ ޖެހިފައިވަނީ އަވަށްޓެރި އިންޑިއާއާ އެވެ. އިދިކޮޅު ފަރާތްތަކާ އެންމެ ގާތް ގުޅުމެއް އޮންނަ ކަމަށް ސަރުކާރުން ބުނަނީވެސް އިންޑިއާއާ އެކު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް