އޮފީސް ފޯ ސިވިލް ރައިޓްސްއަކީ ރައްޔިތުންނަށް ލިބެންޖެހޭ މަދަނީ ހައްގުތައް ލިބިދެވޭކަން ކަށަވަރު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އޮފީހެކެވެ. އޮފީސް ފޯ ސިވިލް ރައިޓްސް އުފެއްދީ ރައީސް މުއިއްޒު ހުވާ ކުރެއްވި ދުވަހުއެވެ. އަދި އެ އޮފީހަށް ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ވެރިކަމުގެ ފުރަތަމަ ހަފްތާގައި ގާއިމް ކުރިއެވެ.
އެ އޮފީހުގެ މަސައްކަތްތަކުގެ އަދާހަމައެއް ހޯދަން ސުވާލުކުރުމުން އޭޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިހާތަނަށް ސިވިލް ރައިޓްސް އޮފީހަށް ހުށަހެޅީ 39 މައްސަލަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
ސިވިލް ރައިޓްސް އޮފީހުގެ މަސްއޫލިއްޔަތަކީ މަދަނީ ހައްގުތައް ލިބޭކަން ކަށަވަރު ކުރުމާއި ހައްގުތައް ދިނުމުގައި ގެންގުޅޭ ތަފާތު ކުރުމުގެ މައްސަލަތައް ބެލުމާއި މަދަނީ ހައްގުތައް ހިފަހައްޓާ ކަމަށް ބުނާ މައްސަލަތައް ބެލުމެވެ.