ރާއްޖޭގެ ފަރާތުން މި ބަޔާން އިއްވާފައިވަނީ ރާއްޖޭން ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާއިޝަތު ޝާން ޝާކިރެވެ.
ޝާން ޝާކިރު ވިދާޅުވީ، ފަލަސްތީނަކީ މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު އޮތް ދައުލަތަކަށް ހެދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ދިވެހިން ޒަމާނުއްސުރެ ތާއިދުކުރާ ކަމަށެވެ. އަދި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް އިސްކަންދޭ އެއް މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް އަހަރުތަކަށް ދެމިގެން ގޮސްފައިވާއިރު، މި ދަނޑިވަަޅަކީ މި މައްސަލައަށް އައިސީޖޭ މެދުވެރިކޮށް އިންސާފު ހޯދުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމަށެވެ.
މީގެއިތުރުން، 1967 ގެ ކުރިން ކަނޑައެޅިފައި އޮތް ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، އެއީ މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ކަމަށް ހެދުމަކީ މި ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލު ކަމަށް ރާއްޖެއިން ޒަމާނުއްސުރެ ކުރާ ވަކާލާތު ސަފީރު ރޭ ވެސް ވަނީ ތަކުރާރުކުރައްވައިފަ އެވެ.
މި މައްސަލާގައި ރާއްޖެ ތަމްސީލުކުރައްވާ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އޭމީ ސޭންޑާ ގެ ބަޔާނުގައި ވަނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ އެކިއެކި ލާއިންސާނީ އަމަލުތަކުގެ ތެރެއިން ފެނުގެ ވަސީލަތްތަކާ ގުޅޭގޮތުން އަމަލުކުރަމުންދާ ގޮތް ފާހަގަކުރައްވައިފަ އެވެ.
މީގެއިތުރުން ރާއްޖެއިން ވަނީ، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ތަންފީޒުކުރަމުންދާ ސިޔާސަތުތަކާއި އަމަލުކުރަމުންދާ އުސޫލުތަކަކީ "އެޕާތައިޑް" އެއް ކަމަށް ސިފަކޮށް، އެފަދައިން ގަބޫލުކުރާ އެހެން ގިނަ ގައުމުތަކާ ގުޅިފަ އެވެ.
ސަރުކާރުން ވަނީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުން ހިމެނޭހެން ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް، އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ "ޖެނޮސައިޑް" ގެ އަމަލުތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ގޮވާލުމުގައި، އަދި ބައިނަލްއަގުވާމީ ކޯޓުތަކާއި ފޯރަމްތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު އޮންނާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.
ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން، ރާއްޖެއިން ވަނީ އައިސީޖޭގައި ކުރިއަށްދާ އެޑްވައިޒަރީ ޕްރޮސީޑިންސްއަށް މިދިޔަ އަހަރުގެ ޖުލައި މަހު ލިޔުމުން ބަޔާނެއް ހުށަހަޅާފައެވެ.