އެކަން ހިއްސާކޮށްފައިވަނީ މިފްކޯގެ މީޑިއާ އޮފިސަރު އަހުމަދު ނަވާޒް ރަޝީދު ރޭ މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގަ އެވެ. ސަރުކާރުން އިއްޔެގެ ނިޔަލަށް މަސްވެރިންނަށް ޖަމާކޮށްދޭން އެއްބަސްވީ 100 މިލިއަން ރުފިޔާ އެވެ.
ސަރުކާރުން އެއްބަސްވެފައި އޮތީ މަސްވެރިންނަށް ނުދީ ބާކީ ހުރި ހުރިހާ ފައިސާއެއް އަންނަ މަހުގެ ފަހެއްގެ ނިޔަލަށް އޮޑިވެރިންނަށް ދޫކުރާށެވެ.
މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަވަހަށް ދިނުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެންމެ ފަހުން ޖަމާކުރި 35 މިލިއަން ރުފިޔާ އާއި އަދި މިދިޔަ ހަފްތާ ޖަމާކޮށްދިން 70 މިލިއަން ރުފިޔާއާ އެކު މިފްކޯ އިން މިހާރު ވަނީ މަސްވެރިންނަށް ޖުމްލަ 105 މިލިއަން ރުފިޔާ ޖަމާކޮށްދީފަ އެވެ.
މިފްކޯއިން މިހާރު ވެސް މަހުގެ އަގު ހަދަނީ 25ރ. ގެ ރޭޓުން މަސް ގަތް އަގަށް ޖެހޭ ފައިސާގެ މަގުން ނެވެ. މަހުގެ އަގަށް 25ރ ކިރަން ނިންމީ ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ނިމުނު ރިޔާސީ އިންތިހާބު ކެމްޕެއިން ދުވަސްވަރު އެވެ. ޑރ. މުއިއްޒުގެ އެޑްމިނިސްޓްރޭޝަން މިފަހުން ވަނީ މިފްކޯ އަށް މަސް ގަންނަ އަގު 20ރ. އަށް ބަދަލުކޮށްފަ އެވެ. މިގޮތަށް ނިންމެވީ އިކޮނޮމިކް ކައުންސިލްގައި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު އެވެ.
ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 200 އެތައް މިލިއަނަކަށް އަރަ އެވެ. އެ ފައިސާ ދެއްކުން ލަސްވެގެން މަސްވެރިން އިހުތިޖާޖު ކުރަމުން ދާތީވެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މަސްވެރިންނާ ބައްދަލުކޮށް ކެތްތެރިވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރުމުމަށް ސަރުކާރަށް ވަގުތު ދިނުމަށް ވެސް މަސްވެރިންގެ ކިބައިން ވަނީ އެދި ފައި އެވެ.