ކޮވިޑް ތެރޭގައި ސަރުކާރުން ވެންޓިލޭޓަރު ހޯދުމަށް ފައިސާ ދިނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށެވެ. އެ ކުންފުނިން ސަރުކާރަށް 2.1 މިލިއަން ޑޮލަރު ދޭން ޖެހޭ ކަމަށް އާބިޓްރޭޝަނުން ނިންމާފައިވަނީ އެގްޒެކިއުޓަރސް އިން އެއްބަސްވުމާ ޚިލާފުވެފައިވާތީ ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ނެރުނު ފައިނަލް އެވޯޑުގައެވެ.
ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓަރސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2 އޭޕްރިލް 2020ގައެވެ. މި އެއްބަސްވުމުގެ ދަށުން، އެގްޒެކިއުޓަރސްއިން 75 ވެންޓިލޭޓަރު ފޯރުކޮށްދޭން ޖެހެއެވެ. މި އެއްބަސްވުމާ ޚިލާފުވުމުން ބަދަލު ހޯދުމުގެ ގޮތުން ސަރުކާރުން އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގައެވެ. އެގޮތުން، ވެންޓިލޭޓަރުގެ އަގަށްވާ ފައިސާ އާއި އެއްބަސްވުމާ ޚިލާފުވުމުން ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32،574،750 ރުފިޔާއަށްވާ 2.1 މިލިއަން ޑޮލަރު ހޯދުމަށް ވަނީ އެދިފައެވެ.
ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެތައް ފަހަރެއްގެ މަތީން ތަހުގީގު ހިންގާ ދައުވާކޮށްދޭން އެދިފައިވެ އެވެ. ނަމަވެސް ފުރިހަމަ ތަހުގީގެއް ކުރެވިފައި ނެތުމުން ޕީޖީން ކޮންމެ ފަހަރަކު ވެސް މައްސަލަ ފޮނުވާލަނީ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އޭސީސީ އިން ވަނީ ހެލްތު މިނިސްޓްރީގެ ކުރިން އުޅުނު ތިން މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފަ އެވެ.
މި މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އާބިޓްރޭޝަނުގެ ފައިނަލް އެވޯޑުގައި އެގްޒެކިއުޓަރސް އިން ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.88 މިލިއަން ޑޮލަރާއި 2 މެއި 2021 އިން ފެށިގެން ދައްކަން ޖެހޭ %2 އިންޓަރެސްޓް ރޭޓު ދައްކަން ޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އަދި ލިކުއިޑޭޓް ޑެމޭޖަސްގެ ގޮތުގައި 223،750 ޑޮލަރާއި އެވޯޑު ނެރުނު ތާރީހުން ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް އަރާ %2 އިންޓަރެސްޓް ވެސް އެގްޒެކިއުޓަރސް އިން ދިވެހި ސަރުކާރަށް ދައްކަން ޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.