ads
ކާޑު ފޮނުވުމުގެ މަސައްކަތް ކުރަނީ - ފޮޓޯ:އެސްޓީއޯ
ރާއްޖެއަށް ކާޑު ގެންނަ ބޯޓު ތުރުކީން ފުރައިފި
ދިވެހިރާއްޖެއަށް ތުރުކީން ކާޑުގެ ޝިޕްމަންޓް ގެންނަ ބޯޓު މިހާރު އެ ގައުމުން ފުރާފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯއިން ބުނީ އެ ބޯޓު ރާއްޖެއަށް ފޯރާނެ ވަކި ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށެވެ. އަދި ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެނައުމަށް އެކި ގައުމުތަކާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ރާއްޖެއަށް އެއް އަހަރަށް ވުރެ ގިނަ ދުވަހަށް ބޭނުންވާ މިންވަރަށް ކާޑުގެ ބާވަތްތައް އެތެރެ ކުރުމަށް ތުރުކީއާއެކު އެއްބަސްވުމެއް ގާއިމް ކޮށްފައި ވާ ކަން ރައީސް އިއުލާން ކުރެއްވީ، ދާދި ފަހުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެއަށް އެނބުރި ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ކާޑު ފަދަ އަސާސީ ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރުމުގައި އެންމެ ގައުމަކަށް ބަރޯސާ ނުވާނެ ކަމަށެވެ. އެގޮތުން ފިޔާ، ބިސް އަދި އަލުވި ފަދަ ތަކެތި ގެނެވޭނެ ގޮތް ވެސް އެކި ގައުމުތަކުން ހަމަޖެހިފައި ވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް 10 ކިލޯ ހަނޑުލާއި، 10 ކިލޯ ފުށް ސަރުކާރުން ހިލޭ ބަހަން ނިންމައިފައިވާ ކަމަށް ވެސް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އަދި ދާދި ފަހުން އެ ގައުމުގައި ރާއްޖޭގެ އެމްބަސީއެއް ވެސް ގާއިމްކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް