ads
ރައީސް މުއިއްޒު މިލަންދޫއަށް ދެއްވީ އެއާޕޯޓް އަަޅައިދޭނެކަމުގެ ޔަގީންކަން
ށ. މިލަންދޫގައި އެއާޕޯޓެއް އެޅުމަކީ މުހިންމުކަމެއް ކަމަށާއި އެ ކަން ކޮށްދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ހައިސިއްޔަތުން ވީ ވައުދު ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
Advertisement

ނިމުނު ރިޔާސީ އިންތިހާބުގެ ކެމްޕޭން ދަތުރުގައި މިލަންދުއަށް ވަޑައިގެން ޑރ. މުއިއްޒު 23 އޮގަސްޓް 2023 ގައި ވިދާޅުވީ އުމްރާނީ ތަރައްގީގެ ވިސްނުމުގައި ކޮންމެ 30 މިނެޓުން ދެވޭ ވަރަށް އެއާޕޯޓު އެޅުމަކީ ރައީސް ޔާމީންގެ ސިޔާސަތެއްކަމަށެވެ. އެހެންކަމުން ކޮންމެހެން ވެސް މިލަންދޫގައި އެއާޕޯޓެއް އަޅަން ޖެހޭ ކަމަށެވެ.

މި ރަށުގެ ކައިރީގައި ފުނަދޫގައި އެއާޕޯޓެއް އޮތް ނަމަވެސް، މި ދާއިރާގެ ނަރުދޫއާއި ފީވަކުން 30 މިނެޓަށްވުރެ ގިނައިރު ނަގާނެކަމަށް ވެސް ވިދާޅުވި އެވެ.

މި އަތޮޅަކީ ޖޯގްރަފިކަލީ ދަތުރުފަތުރުކުރަން ވަރަށް ގިނަ ތަކުލީފު އުފުލަން ޖެހޭ އަތޮޅެއް ކަމަށް ވެސް ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.

ރައީސް އަތޮޅުތެރެއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ށ. މިލަންދުއަށް ވަޑައިގެންފައެވެ. އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ޖަލްސާގައި އެރަށު ކައުންސިލްގެ ރައީސް ވިދާޅުވީ މިލަންދޫ ރައްޔިތުން އެދޭ ކަންތައްތަކުގެ ލިސްޓް ވަރަށް ދިގުކަމަށާއި ނަމަވެސް އެލިސްޓްގެ 1 ވަނަ އިން 10 ވަނައަށް ވެސް އޮތީ "ނިމުނު ރިޔާސީ އިންތިހާބުގެ ކެމްޕޭން ދަތުރުގައި މިލަންދުއަށް ވަޑައިގެން ޑރ. މުއިއްޒު ވި އެއާޕޯޓް ވައުދު" ކަމަށާއި އެކަން ކޮށްދެއްވުމުގެ އަމަލީ މަސައްކަތް ފެށުމަށް ރައްޔިތުން އެދޭކަމަށެވެ. 

ޖަލްސާގައި ބައިވެރިވެ ތިއްބެވި މިލަންދޫ ރައްޔިތުންގެ ހާޒިރުގައި ރައީސް މިއަދު ވިދާޅުވީ، މިލަންދޫ ރައްޔިތުންގެ ލިސްޓް ވަރަށް ދިގުކަމަށާއި ނަމަވެސް އެމަނިކުފާނުވެސް އިސްކަން ދެއްވާނީ އެލިސްޓްގެ 1 ވަނަ އިން 10 ވަނައަށް ވެސް އޮތް "ށ. މިލަންދޫގައި އެއާޕޯޓް" އެޅުމަށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މިލަންދޫގައި އެއާޕޯޓް މި ސަރުކާރުން އަޅައިދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށެވެ. 

"ތިޔަބޭފުޅުން ބޭނުން ވަނީ އެންމެ ވާހަކައެއް އަޑު އަހަން. އެއީ ލިސްޓުގެ އެކަކުން 10 އަށް ވެސް އޮތީ އެންމެ ވާހަކައެއް. އެހެންވީމަ އެ ވާހަކަ އެކަނި ދައްކާލަން ފަސް މިނެޓެއް ބޭނުމެއް ނުވާނެ." ރައީސްގެ ވާހަކަ ފައްޓަވަމުން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއާޕޯޓު މަޝްރޫއުގެ އިތުރުން ރަށުގައި ކުރަން ޖެހޭ އެހެން ކަންކަން ވެސް އެބަހުރި ކަމަށެވެ. އެގޮތުން އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަންކަން ހަނދާން ހުންނެވި ކަމަށާއި އެ ވައުދުތައް ފޮތުގައި ވެސް ލިޔެފައި ވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މި މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމުގައި ރައްޔިތުން އެހީތެރިވުމަށް އެދިވަޑައިގެންފައެވެ. އަދި ބާރު ސްޕީޑްގައި އެ މަސައްކަތް ކުރެވޭނީ ރައްޔިތުންގެ މަޖިލިހުގެ އެއްބާރުލުން ވެސް ލިބިގެން ކަމުގައި ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް