ޖޭއެސްސީގެ ރައީސް ހިސާން ވިދާޅުވީ ފަނޑިޔާރުން އަބަދުވެސް މަސައްކަތް ކުރައްވަންވާނީ ކޯޓުތަކަށް ހުށައެޅޭ މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމާ، އިންސާފު ޤާއިމުކޮށްދިނުމަށްކަމަށެވެ. އަދި ހިސާން ވަނީ ކޯޓަށް ދެއްވަންޖެހޭ ފުރިހަމަ ވަގުތާއި އަހަންމިއްޔަތުކަން ކޯޓުތަކަށް ދެއްވުމަށް، އަލަށް ހުވާކުރެއްވި ފަނޑިޔާރުންނަށް ނަސޭޙަތްތެރިވެވަޑައިގަންނަވާފައެވެ.
މައްސަލަތައް ލަސްވުމުގެ ޝަކުވާ އަބަދުވެސް ބޮޑުވެފައިވާއިރު، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން ގިނަ މައްސަލަތަކެއް ލަސްވެއެވެ. މިހާރުވެސް ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ، މަސައްކަތް ކުރުމަށް ދަތިވެފައިވާތީ ކޮންމެ ދުވަހަކުވެސް ހިންގެނީ މަދު އަދަދެއްގެ ޝަރީއަތްތަކެކެވެ.