މި ގޭޓް ހުޅުވައިދެއްވީ އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އަދި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު މުހައްމަދު އެވެ.
މި ގޭޓަކީ ޕެސެންޖާ ޓާމިނަލްގެ ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދުގައި އާރްއެސްއައިޓީ ޓޭޕް ބޭނުންކޮށްގެން ކޮށްގެން ހިދުމަތް ދޭނެ ގޭޓެއް ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން މާނިއު ވިދާޅުވީ މި ނިޒާމް ގާއިމް ކުރެވުމުން ވަރަށް ބޮޑުތަނުން ފަސޭހަވެގެން ދާނެ ކަމަށެވެ. މާނިއު ވިދާޅުވިގޮތުގައި މި ނިޒާމް ގާއިމް ކުރެވުމުގެ ކުރިން މި ހިދުމަތްތައްދޭން ޖެހިފައިވަނީ މެނުއަލްކޮށް ކަމަށެވެ.
ކޮންމެ ފޮއްޓެއްގައި ހަތަރު ސްޓިކާ ޖަހަން ޖެހޭ ކަމަށާއި އަދި އެ އެއްޗެހި ޗެކްވެސް ކުރަން ޖެހެނީ މެނުއަލްކޮށް ކަމަށް މާނިއު ވިދާޅުވިއެވެ.
މާނިއު ވިދާޅުވި ގޮތުގައި މި ގޭޓްގެ ސަބަބުން މިހުރިހާ ކަމަކަށް އެބަ ހައްލު ލިބޭ ކަމަށެެވެ. މި ގޭޓްގެ ސަބަބުން ވަރަށް ވަގުތުވެސް ސަލާމަތް ވާކަމަށާއި ދަތުރުވެރިންނައް އުދަނގޫ ނުވެ މި ޕްރޮސެސް ކުރިޔަށް ގެންދެވޭނެ ކަމަށް މާނިއު ވިދާޅުވި އެވެ.
މި ހިދުމަތް ދޭން ފެށުމުން ތޮއްޖެހުމުގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް މާނިއު ފާހަގަ ކުރެއްވި އެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެންމެ ފުރަތަމަ ރައީސް މި މަގާމު ހަވާލު ކުރައްވަމުން އެ މަނިކުފާނު އަރިހުން ރައީސް އެދިލެއްވީ ރައްޔިތުންނައް އަދު ދަތުރުވެރިންނައް ފަސޭހަ ވާނެ ފަދަ ގޮތަކަށް އެއާޕޯޓްގެ ކަންކަން ބައްޓަން ކޮށްދެއްވުމަށް ކަމަށެވެ.
ޝަރީފް ވިދާޅުވީ މި ހުޅުވާލެވޭ ސްމާޓް ގޭޓްގެ ސަބަބުން ފަސެންޖާ އެކްސްޕީރިއެންސް އިތުރުވެގެން ދާނެ ކަމަށެވެ.
ސްމާޓް ގޭޓް ތައާރަފު ކުރުމުގެ ކުރިން މި ހިދުމަތް ދެމުން ގެންދިޔައީ ވަރަށް ދަތި އުނދަގޫ ގޮތަކަށް ކަމަށާއި ފާހަގަ ކުރަން ބޭނުންވާ ފޮށި ފާހަގަ ވެގެން ކަސްޓަމްސް އޮފިސަރުން އެފޮށި ބަލަން ޖެހެނީ މެނުއަލްކޮށްކަމުން ވަރަށް ބޮޑެތި އުނދަގޫތަކެއް ވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މި ސްމާޓް ގޭޓްގެ ސަބަބުން މިކަންކަން ހުއްޓި މިކަމަށް ހޭދަވާ ވަގުތު ސަލާމަތްވެގެން ދާނެ ކަމަށާއި ދަތުރުވެރިންނައް މީގެ ކުރިން ދިމާވާ އުނދަގޫތައްދެން ކުޑަވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ސްމާޓް ގޭޓާ ބެހޭ ގޮތުން ކަސްޓަމްސް އިން ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފުތާ 14" ގައި ވެސް ހިމެނޭ ކަމެއް ކަމަށާއި މީގެ ސަބަބުން އެއާޕޯޓްގެ ސެކިއުރިޓީ އާއި އެތަނުގެ ހިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް އަންނާނެ ކަމަށެވެ.