ށ. ފުނަދޫގެ ރައްޔިތުންނާއި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އެލަވަންސެއްގެ ބަދަލުގެންނަން ބޭނުން ނަމަވެސް އެކަން ވާން އޮތީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.
މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ވަރަށް ފަސޭހަ ވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ހާއްސަ ގޮތެއްގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ބޭނުންވާ މުހިންމު ގާނޫނުތަކެއް ފާސްކުރަން އެބަހުރި ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ދިމާވެފައި އޮތް މައްސަލައަށް ހައްލެއް ގެނެސްދޭން ބޭނުންވާ ކަމަށާއި އެމީހުންނަށް ވަކި ބަޖެޓަކުން މުސާރަ ދިނުމަކީ ތާއީދު ކުރައްވާ ކަމަށެވެ.
އެހެނަސް، އެކަން ވާނީ ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހެއް ލިބިގެން ކަމަށާއި ސަބަބަކީ އެގޮތަށް ބަދަލު ކުރެވޭނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް ރައީސް ވިދާޅުވި އެވެ.