ތިލަދުންމަތީ ބާރަށު އީދުކުޅޭ މަގުގައި ހުންނަ މި ކާނިގަހަކީ ކަޅުއޮށްފުންމި އަލަށް ބަދެގެން ރިޔާ ފަަހަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނިކަޑައިން ހެދި ބޮޑުވެފައި ހުރި ޒަމާންވީ ބިޔަ ގަހެއް ކަމަށް ބުނެވެ އެވެ. ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ގަަހަށް މިހާރު 400 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ.
ބާރަށު ކައުންސިލުން ބުނިގޮތުގައި އެ ބިޔަ ކާނި ގަހުގައި ރޯކޮށްލާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ހުޅު ޖެހުމުގެ ސަބަބުން އެ ގަސް ވަނީ ވަރަށް ބޮޑަށް އަނދައި ހުލިވެފަ އެވެ.
މިއީ ކީއްވެ, ކޮން ބައެއް ކުރި ކަމެއްކަން އަދި ސާފުނުވާއިރު މި މައްސަލައިގައި އަދި ބަޔަކު ހައްޔަރުކޮށްފައެއް ވެސް ނުވެ އެވެ.
ތާރީޚީ މައުލޫމާތު ހާމަ ކުރައްވާ ނާޖިހް ދީދީ ވިދާޅުވާގޮތުގައި ބާރަށު އީދުކުޅޭ މަގުގައި، ހުންނަ އެ ކާނި ގަހަކީ ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނިކަޑައިން ހެދި ބޮޑުވެފައި ހުރި ގަހެކެވެ.
ބާރަށުގެ ކާނިގަސް ކައުންސިލުން ބަލަހައްޓަމުން އަންނަނީ އާސާރީ ތަރިކައެއްގެ ގޮތުގަ އެވެ.
ތާރީހީ ކާނި ގަހުގައި ރޯކޮށްލިި މައްސަލަ އާންމުން އަދި ސަރުކާރުގެ އިސް ފަރާތްތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ. އެގޮތުން، އެ ކަންތައް ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް މިނިސްޓްރީ އޮފް ސިޓީސްގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ގޮވާލައްވައިފަ އެވެ.