
2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން ހަތަރުވަނަ ކުއާޓަރުގެ ޕަރފޯމަންސަށް ބަލާ މި ލިބުނު އެވޯޑަކީ ދިރާގަށް މި ޝަރަފުވެރި މަގާމް ޖެހިޖެހިގެން ލިބުނު ތިންވަނަ އަހަރެވެ.
އޫކްލާއިން މި އެވޯޑް ދިރާގާއި ހަވާލުކޮށްފައިވަނީ މިހާރު ސްޕެއިންގެ ބާސެލޯނާގައި ކުރިއަށް ހިނގަމުންދާ މޯބައިލް ވާލްޑް ކޮންގްރެސް 2023 ގައެވެ. ދިރާގުގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ، އިސްމާއީލް ރަޝީދެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނިކަމަށްވާ އޫކްލާގެ ނެޓްވަރކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓްއިން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެޓްވާކްތަކުގެ ފެންވަރު ބަލާ، އެތައް ސަތޭކަ މިލިއަން ޑޭޓާ އެއްކޮށް ދިރާސާކުރެއެވެ. އެގޮތުން އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރީޕޯޓްއިން ދައްކާގޮތުގައި ދިރާގުން ވަނީ 2023 ވަނަ އަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި އެންމެ ހަލުވި މޮބައިލް ސްޕީޑް ހޯދައި ރައްޖޭގެ މޮބައިލް މާކެޓް ލީޑަރުގެ މަގާމު ހޯދާފައެވެ.
އިސްމާއިލް ރަޝީދު ވިދާޅުވީ ޖެހިޖެހިގެން ތިން ވަނަ އަހަރުވެސް އޫކްލާއިން ދިރާގަށް "ދިވެހިރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާކް" އެވޯޑް ލިބުމުގެ އުފާވެރި ހަބަރު ކަސްޓަމަރުންނާ ހިއްސާކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިކަމުން ދައްކުވައިދެނީ އެންމެ ފުރިހަމަ ހިދުމަތާއި ފެންވަރު ރަނގަޅު ތަޖުރިބާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ދިރާގު ޓީމުން ކުރާ މަސައްކަތާއި ދޭ ހާއްސަ އަހައްމިއްޔަތުކަމަށް އޭނާ ވިދާޅުވި އެވެ.
ސްޕީޑްޓެސްޓްގެ ތަފްސީލީ ދިރާސާއެއް ހެދުމަށްފަހު، ދިރާގަށް ވަނީ އޫކްލާ ސްޕީޑްޓެސްޓް އެވޯޑްސްއިން ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑް ލިބިފައި ކަމަށް އޫކްލާގެ ޕްރެސިޑެންޓް އަދި ސީއީއޯ ސްޓެފަން ބައި ވިދާޅުވި އެވެ.
މި އެވޯޑަކީ 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން ހަތަރުވަނަ ކުއާޓަރުގައި މާކެޓުގެ އެހެނިހެން ބޮޑެތި މޮބައިލް ނެޓްވަރކްތަކާ އަޅާބަލާއިރު އާދަޔާޚިލާފު ސްޕީޑާއި ޕަރފޯމަންސް ދައްކާ މޮބައިލް ނެޓްވަރކް އޮޕަރޭޓަރުންނަށް ދޭ އެވޯޑެއް ކަމަށާއި އެގޮތުން އެވޯޑް ދިރާގާ ހަވާލުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކީ ދިރާގެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 އިންސައްތަ މޮބައިލް 4ޖީ ކަވަރޭޖް ދިރާގުން ފޯރުކޮށްދެއެވެ. މީގެ އިތުރުން އެކުންފުނިން ވަނީ މިހާރު 5ޖީގެ ހިދުމަތް އާބާދީގެ 50 އިންސައްތައަށްވެސް ފޯރުކޮށްދީފަ އެވެ.