ads
ބިލް ތަސްދީގު ކުރުން ލަސް ކުރާނަމަ ރައީސް އެވަނީ ގާނޫނާ ހިލާފު: ހިޝާން
ބިލް ތަސްދީގު ކުރުން ލަސް ކުރާނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވަނީ ގާނޫނާ ހިލާފު ކަމަށް ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

މިއަދު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްއިން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ މިއަދު އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް ނިންމާ މަޖިލީހުން ފޮނުވި ބިލް ތަސްދީގު ނުކޮށްލަސް ކުރައްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ވީހާ ވެސް އަވަހަކަށް އެ ބިލް ތަސްދީގު ކުރެއްވުމަށް ރައީސް އަށް ގޮވާލައްވާ ކަމަށެވެ. 

ހިސާން ވިދާޅުވީ އިންތިހާބު ރޯދަމަހު ބާއްވައިފިނަމަ އެކަން ވެގެން ދާނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ގިނަ އަންހެނުންތަކެއްގެ ހައްގު ގެއްލިގެން ދާނެ ކަމަށެވެ. ސަބަބަކީ ރޯދަ މަހަކީ އަންހެނުން ހެނދުނު ވަގުތު ވަރަށް ބުރަކޮށް އުޅޭ ދުވަސްވަރެއް ކަމަށް ވެފައި ހެނދުނު ގަޑީގައި ހުރިހާކަމެއް ހުއްޓާލާފައި ގޮސް ކިއުއަށް އަރައިގެން ވޯޓުލުން ވެގެން ދާނީ ވަރަށް ބުރަ ކަމަކަށް ވާނެތީ ކަމަށް ހިސާން ވިދާޅުވި އެވެ. 

"ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެ. އެއީ މިއަދުތޯ މާދަމާތޯ އަނެއް ދުވަސް ތޯ، އެ ސުވާލުގައި ތިއްބެވޭނެ ޒާތުގެ ކަމެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ އެ ބިލް މިއަދުން މިއަދަށް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެ. އެއީ ގާނޫނުއަސާސީގެ ރޫހަކީ އަދި ސުޕްރީމް ކޯޓުން މާނަކޮށްފައި އޮތް ގޮތަކީ ވެސް،" ހިސާން ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ނުކޮށް މަޖިލީހަށް ފޮނުވާލައި، މަޖިލީހުން އެ ބިލް ދެ ވަނަ ފަހަރަށް ތަސްދީގު ކުރުމުން މިއަދު ކުރިމަތިވެފައިވާ ފަދަ ހާލަތެއް އުފެދިފައިވެ އެވެ.

ދެވަނަ ފަހަރަށް މަޖިލީހުން އެ ބިލު ފާސްކޮށްފައިވަނިކޮށް، އެ ބިލު ތަސްދީގު ކުރުމަށް ގާނޫނު އަސާސީގައި ވަކި މުއްދަތެއް ނެތް ކަމަށް ވިދާޅުވެ ގާނޫނުއަސާސީގެ 91 ވަނަ މާއްދާ އާ ހިލާފަށް ރައީސް ނަޝީދު އަމަލުކުރަމުންދާ ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރި އެވެ. އެއާއެކު:

  • އެ މައްސަލާގައި ގާނޫނުއަސާސީގެ 91 މާއްދާ ތަރުޖަމާ ކޮށްދިނުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް އޭރުގެ އިދިކޮޅުން މައްސަލައެއް ހުށަހެޅި

  • މައްސަލަ ހުށަހަޅުއްވި ތިން ބޭފުޅުންގެ ތެރޭގައި އޭރުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި މިހާރު ސީނިއާ މިނިސްޓަރު ފެންވަރުގައި ހުންނަވާ ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވާ

އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފައިވަނީ، "އިންސާނީ ބާރު ނުފޯރާ ފަދަ، އިހްތިުޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ، ލަސްކުރުމަކާ ނުލައި އެ މާއްދާގައި [ގާނޫނުއަސާސީގެ 91 ވަނަ މާއްދާގައި] ބުނެފައުވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރަން ވާނެ" ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ސަމީމް ވިދާޅުވީ ރޯދަ މަހުގައި އިންތިހާބު ބާއްވާ ނަމަ ވަރަށް ގިނަ ކަންކަމާއި ވިސްނަން ޖެހޭ ކަމަށެވެ. އެ ގޮތުން ވޯޓު ފޮށި އަދި އިންތިހާބު މަރުޒަކުގައި ތިބޭ އޮބްޒާވަރުން އަދި އެހެންވެސް ބޭފުޅުންނަށް ރޯދަ ނުވިއްލާ އެ ވޯޓު ފޮށި ކައިރީގައި ތިބެ ވޭނެ ތޯ އާއި އެ ބޭފުޅުންގެ ރޯދަ ވިއްލުމުގެ އިންތިޒާމު ކުރިޔަށް ގެންދެވޭނެ ގޮތެއް ހަމަ ޖައްސައިދެވޭނެތޯ ވެސް ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައްޔިތުން މަޖިލިސް އިންތިހާބު ރޯދައިގެ ފަހަށް ފަސްކުރަން މަޖިލީހުން ފާސްކުރި ބިލް ރައީސް އަނބުރާ ފޮނުވާލުމުން އެ ބިލަށް އެއް ވެސް ބަދަލެއް ނުގެންނަން މަޖިލީހުން ފާސްކުރީ މިއަދު އެވެ.

އެ ބިލު އަލުން އޮތް ގޮތަށް ފާސްކުރަން މިއަދު ވޯޓަށް އެހުމުން އެ ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ ތެރެއިން 47 މެންބަރުން ވަނީ ބިލަށް ވޯޓު ދެއްވައިފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އިދިކޮޅު އެމްޑީޕީން އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު އޮތީ ރޯދަމަހުގެ ފަހުން އިންތިހާބު ބާއްވާ ގޮތަށެވެ. ރޯދަ މަހު އިންތިހާބުތައް ނުބާއްވާ ގޮތަށް ގާނޫނަށް އެ އިސްލާހު ގެނައީ ވެސް މަޖިލިސް އިންތިހާބު ފަސްކުރުމަށެވެ. އިދިކޮޅުން ގާނޫނަށް މި އިސްލާހު ގެނައީ، ގައުމީ ލަފާ ދޭ ކޮމިޓީގެ މަޝްވަރާއާ އެކު އިންތިހާބުގެ ތާރީހުތައް ކަނޑައަޅައި ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި އިންތިހާބު ބާއްވަން އީސީން ތައްޔާރުވެފައި ވަނިކޮށެވެ.

ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އިންތިހާބު ބާއްވަން ޖެހޭނީ މި އަހަރުގެ އޭޕްރީލް 20 ގަ އެވެ. ރައީސް މުއިއްޒު އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންތިހާބާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކުގައި އިންތިހާބު ލަސްނުކުރައްވާނެ ކަމުގެ އިޝާރާތެއް ވަނީ ދެއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް