ads
ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު އެމްޑީޕީގެ ހަގީގީ ކުލަ ފެންނާނެ: ސައީދު
އިދިކޮޅު އެމްޑީޕީއަށް ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު އެ ޕާޓީގެ ހަގީގީ ކުލަ ފެންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޮޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެމްޑީޕީއަށް ވެރިކަމުގެ ބާރު ގެއްލޭ ކޮންމެ ފަހަރަކު އެމްޑީޕީގެ ހަގީގީ ކުލަ ފެންނަ ކަމަށެވެ. އަދި އެހެން ބަޔަކު ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ވެސް ގައުމަށް ގެއްލުން ދޭ ކަމަށް ބުނެ މިނިސްޓަރު ވަނީ އެ ޕާޓީއަށް ފާޑުވިދާޅުވެފަ އެވެ.

"އެމްޑީޕީގެ ހަގީގީ ކުލަ އެ މީހުންގެ އަތުން ބާރު ދާއިރަށް ކޮންމެ ފަހަރަކު ފެންނާނެ، ހަމަ އެގޮތަށް އެ މީހުންގެ މައްޗަށް ބާރު އަންނަ ކޮންމެ ފަހަރަކު ދިވެހި ރައްޔިތުން ފުން ކަނޑަށް ގަރަގުކުރާނެ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރުން އޮތީ ދިވެހި ދައުލަތް 120 ބިލިއަން ރުފިޔާ އިން ދަރުވާލައި، ދިވެހިންގެ މިނިވަންކަން ބަޔަކަށް ތަބަކަށް ލައިދީ އަޅުތާސްތުކޮށްފައި ކަމަށެވެ. އަދި އެއަށްފަހު މިހާރު ވެސް ފެންނަމުންދަނީ ކުރީގެ ރައީީސް އާއި އެ މަނިކުފާނުގެ ޕާޓީން ގައުމު ހަލަބޮލިކޮށްލަން މަސައްކަތްކުރާތަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ކުރީގެ ރައީސުން ވެސް މިއަދުގެ ރައީސްއަށް ގައުމު ވެއްޓިފައި އޮތް ހާލަތުން ސަލާމަތްކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެކަމަކު މިއަދު އެހެންތޯ މަޖިލިސް މަސައްކަތް ކުރަނީ، އެހެންތޯ މިއަދު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ކަންތައް މި ކުރަނީ؟" މިދިޔަ ސަރުކާރުގައި ވެރިކަންކުރި އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލިހާމެދު މިނިސްޓަރު ސުވާލު ކުރެއްވި އެވެ.

އެހެންކަމުން މިހާރުގެ ރައީީސް ޑރ. މުއިއްޒުގެ ސަރުކާރަށް އުނދަގޫކުރުމަށް އިދިކޮޅުން ކުރާ މަސައްކަތް ހުއްޓުވުމަށް މަޖިލިސް އިންތިހާބުން އެމްޑީޕީ ފެއިލްކޮށްލުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް