ރާއްޖޭގެ ދެކުނުން ފުށުއަރައި ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން މިދިޔަ އަހަރު އިޓްލޮސްއިން ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށެވެ. އެކަމަކު، އޭރުގެ ސަރުކާރުން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތްކޮށްފައިނުވާ ކަމަށް ބުނެ އޭރުގެ އިދިކޮޅު ޕާޓީތަކުން ވަރަށް ބޮޑަށް ނުރުހުން އަމާޒުކުރިއެވެ.
އެ މައްސަލަ އިސްތިއުނާފުކޮށް، ގެއްލުނު ކަނޑުގެ ބައި ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.
އެ މަސައްކަތުގެ އަދާހަމަ ހިއްސާކޮށް ބަންޑާރަނައިބުގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައިވަނީ ކުރީ ސަރުކާރުން އެ މައްސަލައިގައި އަމަލުކުރި ގޮތަށް ފާޑުކިޔައިފަ އެވެ.
މިކާމާއި ގުޅިގެން އެމްޑީޕީން އިއްޔެ ނެރުނު ނޫސް ބަޔާނުގައި، މިހާރުގެ ސަރުކާރުން ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގެ ތެރޭގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނުކަމަށް ސިފަވާގޮތަށް ކެނޑިނޭޅި ދައްކަމުންދިޔަ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަ ށެވެ. އަދި 28 އެޕްރީލް 2023 ގައި އިޓްލޮސް އިން ކޮށްފައިވާ ހުކުމާ ގުޅޭގޮތުން އެ ދުވަހުން ފެށިގެން މިހާތަނަށް 10 މަސްދުވަސް ފާއިތުވެފައިވާއިރުވެސް އޭރު މި ސަރުކާރުން ދައްކަމުން ގެންދިޔަ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ހުރިކަން ދެއްކިފާ ނެތް ކަމަށެވެ.
ހަމަ އެހެންމެ، އަންކްލޮސް ގެ އާޓިކަލް 296 އަށް ބަލާއިރު، އެ މުޢާހަދާގެ ދަށުން އިހްތިސާސް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ ނިންމުމަކީ މައްސަލައިގައި ހިމެނޭ ޤައުމުތަކުގެ މައްޗަށް އަމަލުކުރުން ލާޒިމް ނިހާއީ، ނިންމުންތަކަކަށް ވާއިރު، އިޓްލޮސްއަކީ އަންކްލޮސް ގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކަށް ވެފާ، އިޓްލޮސްގެ ނިންމުން އިތުރަށް އިސްތިއުނާފެއް ނުކުރެވޭނެކަމަށާއި، އެ ނިންމުމަށް ދިވެހިރާއްޖެއިން އަމަލުކުރުން ލާޒިމުކަމަށް ރައީސް ސޯލިހުގެ ސަރުކާރުން އަބަދުވެސް ގެންދިޔައީ ބުނަމުން ކަމަށް ނޫސް ބަޔާނުގައި ބުނެފާވެ އެވެ.
މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި ރައީސް ސޯލިހުގެ ސަރުކާރުން ޢަމަލުކުރީ “ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް” ކަމަށް މިހާރުގެ ސަރުކާރުން ނެރުނު ނޫސް ބަޔާނުގައި ބުނެފާވާއިރު، މައްސަލައިގެ ނޯޓިސް ސަރުކާރަށް ލިބުމުމާއެކު ރައީސް ސޯލިހުގެ ސަރުކާރުން ވާނީ ކަމާގުޅޭ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ ޓީމެއް އެކުލަވާލާފާ ކަމަށްވެސް ނޫސް ބަޔާނުގައި ބުނެފާވެ އެވެ.
އަދި ޓީމުގެ ލަފާގެ މަތިން، ރައީސް ސޯލިހުގެ ސަރުކާރުން ވާނީ، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ޗާގޮސްއާ ގުޅޭގޮތުން އޮތް މައްސަލަތައް ހައްލުވުމުގެ ކުރިން މި މައްސަލަ އިޓްލޮސްއަށް ބެލިދާނެކަމަށް ނުފެންނަ ކަމަށް ބަޔާންކޮށް އިޖުރާއީ ކަންކަން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ދިވެހިރާއްޖެއިން ފާހަގަކުރި ކަންކަމާ ގުޅޭގޮތުން އިޓްލޮސް އިން ނިންމާފައިވަނީ މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައަކީ މައުޟޫޢީ ގޮތުން ބެލޭނެ މައްސަލައެއްކަމަށާއި މި ނިންމުމަކީ، ރާއްޖެއިން އަމަލުކުރުން ލާޒިމު، އިސްތިއުނާފީ މަރުޙަލާއެއްގެ ތެރެއިން އިސްތިއުނާފުކުރުމުގެ ފުރުސަތު ނެތް، ބައިނަލްއަޤްވާމީ ކޯޓެއްގެ ނިންމުމެއް ކަމަށެވެ.
މައްސަލަ މައުލޫއީ ގޮތުން ބެލުމުގެ މަރުހަލާގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާހުރި ޓީމެއް އައްޔަނުކޮށް، ދިވެހިރާއްޖެއަށް އެންމެ ބޮޑު ސަރަޙައްދެއް ލިބޭނެފަދަ ގޮތަކަށް ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަން ދީގެން ހުށަހެޅުންތައް ހުށަހަޅާފައިވާ އިރު، ސަރުކާރު ތަމްސީލުކުރި ޓީމުގައި ހިމެނޭ ފަރާތްތަކާއި، ސަރުކާރުން ހުށަހެޅި ލިޔުންތަކާއި ދިފާއުތަކާއި އަޑުއެހުމުގައި ދެއްކި ވާހަކަތަކަކީ އިޓްލޮސްގެ ވެބްސައިޓުން ފެންނަންހުރި މައުލޫމާތު ކަމަށްވެސް ވަނީ ނޫސް ބަޔާނުގައި ބުނެފާވެ އެވެ.
އަދި ރާއްޖޭގެ ޓީމުގައި ހިމެނުނު ފަރާތްތަކަކީ، މިފަދަ ގިނަގުނަ މައްސަލަތަކުގައި ބައިނަލްއަޤްވާމީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ގައުމުތައް ތަމްސީލުކޮށް އަދި ލަފާދިނުމުގައި ހަރަކާތްތެރިވެފައިވާ އަދި މިހާރުވެސް ހަރަކާތްތެރިވަމުން ގެންދާ ފަރާތްތަކެއް ކަމަށް ވެސް އެމްޑީޕީން ބުނެފާވެ އެވެ.